"މުމްބާއީ ސާގާ" އެމެޒޮން ޕްރައިމް އަށް ވިއްކާލައިފި

ސަންޖޭ ގުޕްތާ ޑައިރެކްޓްކުރާ ފިލްމް، "މުމްބާއީ ސާގާ" އެމެޒޮން ޕްރައިމް އަށް ވިއްކާލައިފިއެވެ.

ޖޯން އަބްރަހަމް އާއި އިމްރާން ހަޝްމީ ލީޑް ރޯލުން ފެނިގެންދާ މި ފިލްމް، އެމެޒޮން ޕްރައިމް އަށް ވިއްކާލާފައިވަނީ 65 ކްރޯޑް ރުޕީސަށެވެ. މި ފިލްމްގައި އިމްރާން ފެނިގެންދާނީ ފުލުހެއްގެ ރޯލުންނެވެ. އަދި ޖޯން އަބްރަހަމް ފެނިގެންދާނީ ގޭންގް ސްޓާރެއްގެ ރޯލުންނެވެ.

މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ޖެކީ ޝްރޮފް، ސުނިލް ޝެޓީ އަދި ރޯނިތު ރޯއީ ހިމެނެއެވެ. ޑިޖިޓަލް ރައިޓްސްއާއެކު ފިލްމްގެ މިއުޒިކް ރައިޓްސްވެސް ވަނީ ވިއްކާލާފައެވެ.

ދެހާސް ދިހަވަނަ އަހަރު ރިލީޒްކުރި ގޭންގްސްޓާ ފިލްމް "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ" އިން ވެސް ފެނިގެންދިޔަ އެކްޓަރު އިމްރާން ބުނީ އެ ފިލްމަށްފަހު ގޭންގްސްޓާ ފިލްމެއް ކުޅެން އޭނާ ހުރީ ބޭނުން ނުވެފަ ކަމަށެވެ. ނަމަވެސް ސަންޖޭ ގެނެސްދޭ "މުމްބާއީ ސާގާ" އަކީ ފިލްމް "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ" އާ އަޅާބަލާއިރު ތަފާތު ފިލްމެއް ކަމަށާއި ފިލްމްގައި ލިބުނު ކެރެކްޓާއާމެދު ހިތްހަމަޖެހޭ ކަމަށް އިމްރާން މީގެ ކުރިން ވަނީ ބުނެފައެވެ.