ޓޮމް އާއި ރިޓާ ލޭ ހަދިޔާކުރަނީ
ކޮވިޑް-19 އާ ގުޅޭ ގޮތުން ކުރެވޭ ދިރާސާތަކަށް އެހީވުމުގެ ގޮތުން ލޭ ހަދިޔާ ކުރުމަށް ހޮލީވުޑްގެ އެކްޓަރު ޓޮމް ހޭންކްސް އާއި އޭނާގެ އަންހެނުން ރިޓާ ވިލްސަން އިސްނަގައިފިއެވެ.
އެކްޓަރު ޓޮމް ހޭންކްސް އާއި ރިޓާ ވިލްސަން އަކީ ކޮވިޑް-19 ޖެހުނު ދެ މީހުންނެވެ. މިހާރު އެ ދެ މީހުންވެސް ވަނީ އެ ބަލިން ރަނގަޅުވެފައެވެ.
ޓޮމް ބުނި ގޮތުގައި، ވަރަށް ގިނަ ސުވާލު އޭނާ އާއި އަންހެނުންނަށް ދަނީ އަމާޒު ކުރެވެމުންނެވެ. އެގޮތުން މިހާރު ކުރަނީ ކީއްތޯ އާއި ކުރެވޭނެ ކަމެއް އޮތްތޯ ސުވާލު އަމާޒުވަމުންދާ ކަމަށް ޓޮމް ބުންޏެވެ. ލޭ ބޭނުންވެގެން ޓޮމް އާއި ރިޓާ ގާތު އެދިފައިވާކަން ފާހަގަކޮށް ޓޮމް ބުނީ ލޭ ހަދިޔާކުރުމަށް އަމިއްލައަށްވެސް އެދިފައިވާނެ ކަމަށެވެ.
އެކްޓަރު ޓޮމް އާއި ރިޓާއަށް ކޮވިޑް-19 ޖެހިފައިވާކަން ހާމަކުރީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ. އެ ދެ މީހުންނަށް ކޮވިޑް-19 ޖެހިފައިވާކަން އެނގުނީ އެ ދެ މީހުން އޮސްޓްރޭލިއާއަށް ގޮސް އުޅެނިކޮށެވެ.
އެލްވިސް ޕްރިސްލީގެ ބައޮޕިކްގެ ޝޫޓިންއަށް، ޓޮމް އާއި ރިޓާ އޮސްޓްރޭލިއާއަށް ދިޔައީ ޖެނުއަރީ މަހުގެ ތެރޭގައެވެ. މި ފިލްމްގައި ޓޮމް ފެނިގެންދާނީ އެލްވިސްގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރި ކާނަލް ޓޮމް ޕާކާގެ ރޯލުންނެވެ.