ޑަޔާނާގެ ރޯލުން މިފަހަރު ކްރިސްޓެން ސްޓެވާޓް

ޕްރިންސެސް ޑަޔާނާގެ ވާހަކަ ކިޔައިދޭ ފިލްމްގައި، ޑަޔާނާގެ ރޯލަށް ފިލްމް "ޓްވައިލައިޓް" ގެ އެކްޓްރެސް ކްރިސްޓެން ސްޓެވާޓް ހަމަޖައްސައިފިއެވެ.

މި ފިލްމަކީ ޗިލީއަށް އުފަން ޕަބްލޯ ލަރެއިން ޑައިރެކްޓްކުރާ ފިލްމެކެވެ. ސްޓީވަން ނައިޓްގެ ސްކްރިޕްޓަކަށް އުފައްދާ މި ފިލްމް ބިނާވެފައިވަނީ 1990 ގެ އަހަރުތަކުގައި ޑަޔާނާގެ ހަޔާތުގެ މައްޗަށެވެ. އެގޮތުން ޑަޔާނާ އާއި ޕްރިންސް ޗާލްސްގެ ކައިވެނި ރޫޅުމުގެ ހާދިސާ ކިޔައިދޭނެއެވެ.

ޕަބްލޯ ބުނި ގޮތުގައި އެކްޓްރެސް ކްރިސްޓެން ސްޓެވާޓަކީ މިހާރު ހުރި އެންމެ ރަނގަޅު އެއް ބަތަލާއެވެ.

ޕްރިންސް ޗާލްސް އާއި ޑަޔާނާ ކައިވެނި ބައްލަވައިގަތީ 1981 ވަނަ އަހަރުއެވެ. އެ ކައިވެެނި ރޫޅުނީ 1996 ވަނަ އަހަރުއެވެ. ޑަޔާނާ އަވަހާރަވީ 1997 ވަނަ އަހަރު ޕެރިސްގައި ހިނގި ކާރު އެކްސިޑެންޓެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 36 އަހަރެވެ.

ޑަޔާނާގެ ހަޔާތުގެ މައްޗަށް މީގެ ކުރިންވެސް ފިލްމް އުފައްދާފައިވެއެވެ. އޭގެ ތެރެއިން އެއް ފިލްމަކީ 2013 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ޑަޔާނާ"އެވެ. މި ފިލްމްގައި "ޑަޔާނާ" ގެ ރޯލު ކުޅެފައިވަނީ ނައޮމީ ވަޓްސްއެވެ.