ޝްރައްދާ އަނެއްކާވެސް ރާއްޖޭގައި
ބޮލީވުޑްގެ އެކްޓްރެސް ޝްރައްދާ ކަޕޫރް އަނެއްކާވެސް ރާއްޖެ އަތުވެއްޖެއެވެ.
އެނގިފައިވާ ގޮތުން ޝްރައްދާ ރާއްޖެ އައިސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯއަކާއެކު ޝްރައްދާ ބުނީ އޭނާ ހުރީ ބަރޮސް މޯލްޑިވްސްގައި ކަމަށެވެ.
ޝްރައްދާ ވަނީ މިއަހަރުގެ ފެބްރުއަރީ މަހާއި މާޗް މަހުވެސް ރާއްޖެ ޒިޔާރަތްކޮށްފައެވެ.
ފެބްރުއަރީ މަހު ފަހުކޮޅު ޝްރައްދާ އާއި އޭނާގެ އާއިލާ ރާއްޖެ ޒިޔާރަތްކުރީ ޕްރިޔާންކް ޝަރްމާ އާއި ޝަޒާ މޮރާނީގެ ކައިވެންޏަށެވެ. އެ ދަތުރުގައި ޝްރައްދާގެ ބައްޕަ އަދި އެކްޓަރު ޝަކްތީ ކަޕޫރާއި ބޭބެ ސިދާންތު ކަޕޫރްވެސް ރާއްޖެ އައެވެ. އެ ދަތުރު ނިންމާލުމަށްފަހު ޝްރައްދާގެ އާއިލާ ރާއްޖެއިން ފުރީ މާޗް މަހުއެވެ.
އޭގެ ފަހުން ޝްރައްދާ ވަނީ އޭނާގެ މައިންބަފައިންނާއެކު މާޗްމަހުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކޮށް ޗުއްޓީ ހޭދަކޮށްފައެވެ. އެފަހަރު ޝްރައްދާ އާއި އޭނާގެ އާއިލާ ޗުއްޓީ ހޭދަކުރީ ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓްގައެވެ.