ބޮލީވުޑްގެ އެންމެ އަގުބޮޑު ފިލްމަކަށް "ހައުސްފުލް 4"؟

ބޮލީވުޑްގެ މަޝްހޫރު ކޮމެޑީ ފިލްމް ފްރެންޗައިޒް ސީރީޒް "ހައުސްފުލް" އަކީ ބެލުންތެރިންގެ މެދުގައި މަގުބޫލު އަދި ރަނގަޅު އާމްދަނީއެއް ހޯދި ފިލްމް ފްރެންޗައިޒެކެވެ. "ހައުސްފުލް" ގެ ކާމިޔާބު ތިން ފިލްމް ގެނެސްދިނުމަށްފަހު މިހާރު ތައްޔާރުވަމުން ދަނީ މި ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމަށެވެ.

މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މި އަހަރުގެ އޮކްޓޫބަރު މަހު ނެރުމަށް ހަމަޖެހިފައިވާ "ހައުސްފުލް 4" އަކީ މިހާތަނަށް އެންމެ ބޮޑު ހަރަދެއްކޮށްގެން އުފައްދާ ކޮމެޑީ ފިލްމެވެ.

މަސްދަރަކާއި ހަވާލާދީ "ޓައިމްސް އޮފް އިންޑިއާ" އިން ރިޕޯޓްކޮށްފައިވާ ގޮތުން ފިލްމްގެ ޑައިރެކްޓަރަކަށް ސާޖިދް ހާން ހަމަޖެއްސުމަސްފަހު ފަހުން ވަނީ ފިލްމްގެ ޑައިރެކްޓަރަކަށް ފަރުހާދު ސަމްޖީ ކަނޑައަޅާފައެވެ. މި ދެ ޑައިރެކްޓަރުންނަށްވެސް އެ މީހުންގެ އުޖޫރަ ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބޮޑު ކާސްޓަކާއެކު އުފައްދާ މި ފިލްމްގައި ހަތް މިއުޒިކް ކޮމްޕޯޒާސް ހިމެނޭއިރު މިއީވެސް މި ފިލްމްގެ ހަރަދު ބޮޑުވާ ސަބަބެކެވެ. އަދި ފިލްމްގެ ބައެއް މަންޒަރުތައް އަލުން ނަގަން ޖެހުމަކީވެސް ބޮޑު ހަރަދެއް ހިނގާ ސަބަބެކެވެ.

މި ފިލްްމްގެ ކާސްޓުންގެ ތެރޭގައި އަކްޝޭ ކުމާރް، ކްރީތީ ސެނަން، ބޮބީ ޑިއޯލް، ކްރިތީ ކަރްބަންދާ، ޕޫޖާ ހެގްޅޭ އަދި ރާނާ ދަގޫބަޕީ ހިމެނެއެވެ.