ދޭ ދޭ ޕިޔާރު ދޭ ގެ މަންޒަރެއް

"ދޭ ދޭ ޕިޔާރު ދޭ" ވެސް ލީކްކޮށްލައިފި

އިއްޔެ ރިލީޒްކުރި ފިލްމް "ދޭ ދޭ ޕިޔާރު ދޭ" ލީކްކޮށްލައިފިއެވެ. މި ފިލްމްވެސް ލީކްކޮށްލާފައިވަނީ "ޓެމިލްރޮކާސް" އިންނެވެ.

"ދޭ ދޭ ޕިޔާރު ދޭ" ގެ ލީޑް ރޯލު ކުޅެފައިވަނީ އަޖޭ ދޭވްގަން އާއި ތައްބޫ އަދި ރަކުލް ޕްރީތެވެ. ފިލްމް ލީކްކޮށްލުމުގެ ސަބަބުން، އޭގެ ނޭދެވޭ އަސަރު ފިލްމްގެ ވިޔަފާރިއަށް ކުރާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މި ފިލްމްގައި އަޖޭ ފެނިގެންދާނީ އުމުރުން 50 އަހަރުގެ ބައްޕައެއްގެ ރޯލުންނެވެ. އުމުރުން 26 އަހަރުގެ އަންހެނެއް ދެކެ އަޖޭއަށް ލޯބިވެވުމުގެ ސަބަބުން ހިނގާ ކަންތައްތަކެއް މި ފިލްމުން ފެނިގެންދެއެވެ.

"ޓެމިލްރޮކާސް" އިން ވަނީ، މިމަހު ރިލީޒްކުރި ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔާ 2" ވެސް ލީކްކޮށްލާފައެވެ. އެމީހުން ލީކްކޮށްލި ފިލްމްތަކުގެ ތެރޭގައި "މިސްޓަރ ލޯކަލް" އާއި "އޭބީސީޑީ" ހިމެނެއެވެ.