މެންގޯ އިސްތިހާރުގައި ވާނީ ކަޕޫރް

މެންގޯ އިންޑިއާގެ ބްރޭންޑް އެމްބެސެޑަރަކަށް ވާނީ

ދުނިޔޭގެ މަޝްހޫރު އަންނައުނު ފްރެންޗައިޒް ބްރޭންޑެއް ކަމަށްވާ "މެންގޯ" އިންޑިއާގެ، ބްރޭންޑް އެމްބެސެޑަރަކަށް ބަތަލާ ވާނީ ކަޕޫރް ހަމަޖައްސައިފިއެވެ.

އުމުރުން 32 އަހަރުގެ ވާނީ ކަޕޫރް ވަނީ މެންގޯ އިންޑިއާގެ ބްރޭންޑް އެމްބެސެޑަރަކަށް އޭނާ ހަމަޖެހިގެންދިޔަކަން ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ.

ވާނީ ކަޕޫރް ފެނިގެންދާ މެންގޯގެ އިސްތިހާރެއް، އޭނާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެ އިސްތިހާރު ހިއްސާކުރަމުން ކުރި ޕޯސްޓްގައި ވާނީ ކަޕޫރް ބުނެފައިވަނީ މިއީ މެންގޯ އިންޑިއާއަށް ބްރޭންޑް އެމްބެސެޑަރެއް ހަމަޖެއްސިގެންދިޔަ ފުރަތަމަ ފަހަރު ކަމަށެވެ.

މިއަހަރު ބޮޑު ތިން ފިލްމަކުން ވާނީ ކަޕޫރް ފެނިގެންދާނެއެވެ. އޭގެ ތެރެއިން އެއް ފިލްމަކީ މޭ މަހުގެ 28 ވަނަ ދުވަހު ސިނަމާގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމް "ބެލް ބޮޓަމް" އެވެ. މި ފިލްމުން އަކްޝޭ ކުމާރްވެސް ފެނިގެންދާނެއެވެ.

ވާނީ ކަޕޫރް މިއަހަރު ފެނިގެންދާނެ އަނެއް ދެ ފިލްމަކީ ޖޫން 25 ގައި ރިލީޒްކުރާ "ޝަމްޝޭރާ" އާއި ޖުލައި ނުވަ ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ޗަންދިގަރް ކަރޭ އާޝިގީ" އެވެ.