އެކްޓަރު ފީނިކްސް ހައްޔަރުކޮށްފި

ކްލައިމެޓް ޗޭންޖް މުޒާހަރާއެއްގައި ބައިވެރިވުމާއި ގުޅިގެން ހޮލީވުޑްގެ އެކްޓަރު ވަކީން ފީނިކްސް ހައްޔަރުކޮށްފިއެވެ.

ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން އުމުރުން 45 އަހަރުގެ ފީނިކްސް ވަނީ އެ މުޒާހަރާގައި ބައިވެރިވި ގާތްގަނޑަކަށް 300 އެއްހާ މީހުންނާ މުހާތަބުކޮށް ވާހަކަ ދައްކާފައެވެ.

މުޒާހަރާގައި ބައިވެރިވި، ކުރީގެ އެކްޓަރު މާޓިން ޝީންވެސް ހައްޔަރުކުރެވުނެވެ.

އެކަމާއި ގުޅިގެން އެމެރިކާގެ ފުލުހުން ބުނީ މުޒާހަރާއިން 147 މީހަކު ހައްޔަރު ކުރެވުނު ކަމަށެވެ. އެ މީހުން ހައްޔަރު ކުރެވުނީ މީހުންގެ އަމަލުތައް ހުރި ގޮތުން މީހުންނަށް އުނދަގޫވާތީ ކަމަށާއި ހައްޔަރު ކުރެވުނު އެންމެންވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

އެކްޓަރު ފީނިކްސް އަކީ، މިދިޔަ އަހަރު ރިލީޒްކުރި އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ "ޖޯކާ" ގައި ޖޯކާގެ ރޯލު ކުޅުނު އެކްޓަރެވެ.