"ޖޯކާ" އަށް 1 ބިލިއަން ޑޮލަރު
ޑައިރެކްޓަރު ޓޮޑް ފިލިޕްސްގެ ފިލްމް "ޖޯކާ" އިއުލާނު ކުރި ހިސާބުން ފެށިގެން ގިނަ ބައެއްގެ ސަމާލުކަން އެ ފިލްމަށް ލިބިގެންދިޔައެވެ. މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ރިލީޒްކުރި އެ ފިލްމަށް ބޮކްސް އޮފީހުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބުނު އާމްދަނީ މިހާރު ވަނީ 1 ބިލިއަން ޑޮލަރަށް އަރާފައެވެ.
ވޯނާ ބްރަދާސް އިން ގެނެސްދިން ޑީސީ ކޮމިކްސްގެ ފިލްމް "ޖޯކާ" ގައި ޖޯކަރުގެ ރޯލު ކުޅެފައިވަނީ އެކްޓަރު ވަކީން ފީނީކްސްއެވެ. އެއާއެކު ޑާކް ތީމް ފިލްމްތައް މިވަނީ އުސް ހަރުފަތަކަށް ގެންގޮސްފައެވެ. އެގޮތުން ފިލްމް "ޖޯކާ" މިވަނީ "ޑެޑްޕޫލް" އާއި "މެޓްރިކްސް" ފަހަތަށް ޖައްސާލާފައެވެ.
އެއާއެކު ފިލްމް "ޖޯކާ" ވެގެންގޮސްފައިވަނީ އާރް-ރޭޓެޑް ފިލްމްތަކުގެ ތެރެއިން 1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފުރަތަމަ ފިލްމަށެވެ.
މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ރޮބަޓް ޑި ނީރޯ އާއި ޒެޒީ ބީޓްޒް އާއި ފްރާންސެސް ކޮންރޯއި ހިމެނެއެވެ.