ޖޯކާ

ބޮކްސް އޮފީހުގެ ރެކޯޑު "ޖޯކާ" މުގުރާލައިފި

މި ހަފުތާ ބަންދު ތެރޭގައި އުތުރު އެމެރިކާގެ 4374 ސްކްރީނެއްގައި އަޅުވައިގެން ހަމައެކަނި ޓިކެޓް ސޭލްސްއަށް 93.5 މިލިއަން ޑޮލަރު "ޖޯކާ"އަށް ލިބިފައިވެއެވެ. އެއާއެކު ބޮކްސް އޮފީހުގެ އޮކްޓޫބަރުގެ ރެކޯޑް "ޖޯކާ" މި ވަނީ މުގުރާލާފައެވެ. އޮކްޓޫބަރު މަހުގެ ބޮކްސް އޮފީސް ރެކޯޑް މީގެ ކުރިން އޮތީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރިލީޒްކުރި ފިލްމް "ވެނޮމް" އަށެވެ.

އެމެރިކާ ފިޔަވާ އެހެން 73 މާކެޓަކުން 140.5 މިލިއަން ޑޮލަރު "ޖޯކާ" އަށް ލިބިފައިވެއެވެ. މިއީ މުޅިއެކު 234 މިލިއަން ޑޮލަރެވެ. އަސްލު ރިޕޯޓްތަކާއެކު މި އަދަދު އިތުރުވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ވެނިސް ފިލްމު ފެސްޓިވަލްގައި ޖޯކާ އެޅުވިފަހުން އެތައް ބައެއްގެ އެކި ފާޑު ކިޔުންތައް މި ފިލްމަށް ލިބިފައިވެއެވެ. އޮސްކާ ނޮމިނޭޝަންސް ލިބޭވަރުގެ މޮޅު ފިލްމެއްކަން ބައެއް ފާޑުކިޔުންތެރިން ބުނެފައިވާއިރު، އަނެއް ފާޑު ކިޔުންތެރިންނަށް ފިލްމު އެހާ ކަމުގޮސްފައެއް ނުވެއެވެ.

މި ފިލްމު އުފައްދާފައިވެސް ވަނީ އާންމުކޮށް މިވައްތަރުގެ ފިލްމު އުފައްދާ ވަރަށް ވުރެ ކުޑަ ބަޖެޓަކުންނެވެ. އެއީ އެންމެ 55 މިލިއަން ޑޮލަރުގެ ބަޖެޓެކެވެ.