ފިލްމް "ޖޯކާ" ގެ އާމްދަނީ 900 މިލިއަން ޑޮލަރަށް

ޓޮޑް ފިލިޕްސް ޑައިރެކްޓްކޮށްފައިވާ ފިލްމް "ޖޯކާ" ގެ ޓިކެޓް ވިއްކައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބުނު އާމްދަނީ 900 މިލިއަން ޑޮލަރަށް އަރައިފިއެވެ.

މިއީ ޑީސީގެ ބެޓްމޭންގެ ވިލަންގެ ރޯލުން ފެނިގެންދާ ޖޯކާގެ އޮރިޖިނަލް ސްޓޯރީ ގެނެސްދޭ ފިލްމެކެވެ. މި ފިލްމްގައި ޖޯކާގެ ރޯލު ކުޅެފައިވަނީ އެކްޓަރު ވަކީން ފީނިކްސްއެވެ.

އެއާއެކު ފިލްމް "ޖޯކާ" ވަނީ "އާރް-ރޭޓެޑް" ފިލްމްތަކުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށްވެފައެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ "ޑެޑްޕޫލް" ކަލެކްޝަންގައެވެ. 2016 ވަނަ އަހަރު ރިލީޒްކުރި "ޑެޑްޕޫލް" ގެ ފުރަތަމަ ފިލްމަށް ލިބިފައިވަނީ 783 މިލިއަން ޑޮލަރެވެ. 2018 ވަނަ އަހަރު ރިލީޒްކުރި "ޑެޑްޕޫލް 2" އަކަށް ލިބިފައިވަނީ 785 މިލިއަން ޑޮލަރެވެ.

ބޮކްސް އޮފީހުގެ އެނަލީސްޓުން ލަފާކުރާ ގޮތުން ފިލްމް "ޖޯކާ" ތިއޭޓަރުތަކުން ނެގުމުގެ ކުރިން އެ ފިލްމްގެ އާމްދަނީ 950 މިލިއަން ޑޮލަރަށް އަރާނެއެވެ.