"ޖޯކާ" ފިލްމުން ފެނިގެންދާ ޖޯކާ

"ޖޯކާ" ގެ ޓީޒާ ކްލިޕްތައް ފެނުންތަ؟

ކްރައިމް / ސައިކޮލޮޖިކަލް ތްރިލާ ފިލްމް "ޖޯކާ" ގެ ޓްރެއިލާ ޓީސް ކުރުމަށް، އާދިއްތަ ދުވަހު ވަނީ ވަރަށް ކުދި ކްލިޕްތަކެއް އާންމުކޮށްފައެވެ. ޑީސީގެ ބެޓްމޭންގެ ވިލަން ރޯލުން ފެނިގެންދާ ޖޯކާގެ އޮރިޖިނަލް ސްޓޯރީ ގެނެސްދޭ މި ފިލްމުން ޖޯކާގެ ރޯލު ކުޅެފައިވަނީ އެކްޓަރު ވަކީން ފީނިކްސްއެވެ.

އެ ކްލިޕްތަކުންވެސް، ފީނިކްސްގެ ހުނަރު ފެނިގެންދާތީ ގިނަ ބައެއްގެ ތައުރީފު އޭނާއަށް ދަނީ ލިބެމުންނެވެ.

އާރް-ރޭޓް ކޮށްފައިވާ މި ފިލްމަކީ 55 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާ ފިލްމެކެވެ. މިއީ އާންމުކޮށް ޑީސީ އާއި މާވެލް އިން ފިލްމްތައް އުފައްދަން ކަނޑައަޅާ ބަޖެޓްތަކަށްވުރެ މަދު ބަޖެޓެކެވެ.

ޓޮޑް ފިލިޕްސް އާއި ސްކޮޓް ސިލްވަރ ގެ ސްކްރީންޕްލޭ އަކަށް އުފައްދާ މި ފިލްމްގެ ޑަރިއެކްޓަރަކީ ޓޮޑް ފިލިޕްސްއެވެ.

އެކްޓަރު ރޮބަޓް ޑި ނީރޯ އާއި އެކްޓްރެސް ޒެޒީ ބީޓްޒްވެސް ފެނިގެންދާ މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ނަމަވެސް އޭގެ ކުރިން، ވެނިސް އިންޓަނޭޝަނަލް ފިލްމް ފެސްޓީވަލްގައި މިމަހުގެ 31 ވަނަ ދުވަހު ފިލްމް ޕްރިމިއާ ކުރާނެއެވެ.