ގުލާބޯ ސިތާބޯގައި އަމީތާބް

"ގުލާބޯ ސިތާބޯ" ސްޓްރީމިން ޕްލެޓްފޯމްގައި ރިލީޒްކުރަނީ

ޝުޖިތު ސިރްކާ ޑައިރެކްޓްކޮށްފައިވާ ފިލްމް، "ގުލާބޯ ސިތާބޯ" ސްޓްރީމިން ޕްލެޓްފޯމް މެދުވެރިކޮށް ދޫކޮށްލަން ނިންމާ ފިލްމް ރިލީޒްކުރާ ތާރީހު އިއުލާނުކޮށްފިއެވެ.

އެ ފިލްމްގެ ލީޑް އެކްޓަރު އަމީތާބް ބައްޗަން ބުނި ގޮތުގައި އެމެޒޮން ޕްރައިމް މެދުވެރިކޮށް ފިލްމް ރިލީޒްކުރާނީ ޖޫން 12 ވަނަ ދުވަހުއެވެ. ޑިޖިޓަލް ޕްލެޓްފޯމް މެދުވެރިކޮށް 200 އަށްވުރެ ގިނަ ގައުމުގައި އެ ދުވަހު ފިލްމް އެޅުވިގެންދާނެ ކަމަށް އަމީތާބް ބުންޏެވެ. ފިލްމް "ގުލާބޯ ސިތާބޯ" އިން އަޔޫޝްމަން ކުރާނާވެސް ފެނިގެންދާނެއެވެ.

މީގެ 51 އަހަރު ކުރިން، 1969 ވަނަ އަހަރު ފިލްމީ ދާއިރާއަށް ވަތް އަމީތާބް ބުނީ، ފިލްމީ ދާއިރާގައި ހޭދަކުރި އެ މުއްދަތުގައި ވަރަށް ގިނަ ބަދަލުތަކާއި ޗެލެންޖްތައް ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ. މިއީވެސް ޗެލެންޖެއް ކަމަށް އަމީތާބް ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން ބޮލީވުޑް އަދި ހޮލީވުޑްގެ ފިލްމްތައް ރިލީޒްކުރުން ވަނީ ފަސްކުރެވިފައެވެ. ބައެއް ފިލްމްތައް ސިނަމާގައި ރިލީޒްކުރުމުގެ ބަދަލުގައި އޮންލައިން ޕްލެޓް ފޯމް މެދުވެރިކޮށް ރިލީޒްކުރުމަށް މިހާރު ވަނީ ނިންމާފައެވެ.