ޑިޒްނީގެ ފޭސް މާސްކް ވިއްކައިގެން ލިބޭ ފައިސާއިން ބައެއް ހަދިޔާކުރަނީ
ޑިޒްނީގެ ކެރެކްޓާ-ތީމްޑް ފޭސް މާސް ވިއްކައިގެން ލިބޭ ފައިސާއިން ބައެއް ޗެރިޓީއަކަށް ހަދިޔާ ކުރުމަށް ޑިޒްނީ އިން ނިންމައިފިއެވެ.
ކޮވިޑް-19 އާ ގުޅިގެން ޑިޒްނީ އިން ވަނީ ޑިޒްނީގެ ކެރެކްޓާތަކާއި ޑިޒްނީގެ ސަބްސިޑަރީ، ޕިކްސާ އާއި މާވެލް އަދި ސްޓާ ވޯސްގެ ކެރެކްޓާތައް ހިމެނޭ ގޮތަށް ނޮން-މެޑިކަލް ފޭސް މާސް ވިއްކަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފޭސް މާސްކްތައް ވިއްކުމަށް ހަމަޖެހިފައިވަނީ އެމެރިކާގައެވެ.
އެ މާސްކްތައް ވިއްކައިގެން، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ލިބޭ ފައިދާއިން އެއް މިލިއަން ޑޮލަރާއި ހަމައަށް ޗެރިޓީއަކަށް ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ. މި ފައިދާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ އެންޖީއޯ އެއް ކަމަށްވާ މެޑްޝެއާ މެދުވެރިކޮށެވެ.
ޑިޒްނީ އިން ވިއްކާ ފޭސް މާސްކްގެ ތެރޭގައި އެނިމޭޓެޑް ފިލްމް "ފްރޯޒަން" ގެ އެލްސާ އާއި އާނާ ކެރެކްޓާގެ ފޭސް މާސްކް އާއި "ޓޯއީ ސްޓޯރީ" ގެ ވުޑީ އަދި ބަޒް ކެރެކްޓާގެ މާސްކް ހިމެނެއެވެ. މި މާސްކްތަކުގެ ޕެކެއްގެ އަގަކީ 19.99 ޑޮލަރެވެ. ޕެކެއްގައި ހިމެނެނީ ހަތަރު މާސްކެވެ.