"ޖަވާނީ ޖާނެމަން" ގެ ބައެއް ކާސްޓުން

"ޖަވާނީ ޖާނެމަން" އަށް ފުރަތަމަ ދުވަހުން 3 ކްރޯޑް ރުޕީސް

ސައިފް އަލީ ހާން ލީޑް ރޯލުން ފެނިގެންދާ ފިލްމް "ޖަވާނި ޖާނެމަން" ރިލީޒްކުރި ދުވަހު، ހަމައެކަނި އިންޑިއާގެ ސިނަމާތަކުން ލިބުނު އާމްދަނީ 3.24 ކްރޯޑް ރުޕީސަށް އަރައިފިއެވެ.

ހުކުރު ދުވަހު ރިލީޒްކުރި ފިލްމާއި ގުޅޭ ގޮތުން ޓްރޭޑް އެނަލީސްޓް ތަރަން އާދާޝް ބުނީ މި ފަހުން ނެރުނު ސައިފް އަލީ ހާންގެ ފިލްމްތަކަށް ފުރަތަމަ ދުވަހުން ލިބުނު އާމްދަނީ އާ އަޅާބަލާއިރު، "ޖަވާނީ ޖާނެމަން" އަށް ލިބުނު އާމްދަނީ މާބޮޑަށްވެސް ރަނގަޅު ކަމަށެވެ.

މި ހަފުތާ ބަންދުގައި، ފިލްމަށް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށްވެސް ތަރަން ވަނީ ބުނެފައެވެ.

ނިތިން ކައްކަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމުން ސައިފް ފެނިގެންދާނީ އުމުރުން ދުވަސްވީ ކަމަށް ގަބޫލުނުކުރާ ހިތް ޒުވާން ބައްޕައެއްގެ ރޯލުންނެވެ.

މި ފިލްމުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި އަލައިއާ ފަރްނީޗަރުވާލާ އާއި ތައްބޫ އާއި ކުބްރާ ސައިތު އަދި ޗަންކީ ޕާންޑޭ ހިމެނެއެވެ.