ޖޭސަމް މޮމޯއާ

ޖޭސަން ދުއްވި ކާރު އެކްސިޑެންޓްވެއްޖެ

ހޮލީވުޑްގެ އެކްޓަރު ޖޭސަން މޮމޯއާ ދުއްވި ކާރު އެކްސިޑެންޓްވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހަފުތާ ބަންދުގައި، އެމެރިކާގެ ކެލިފޯނިއާގެ ސިޓީއެއް ކަމަށްވާ ލޮސް އެންޖެލްސް-އޭރިއާ ހައިވޭގައެވެ.

ޖޭސަން ދުއްވި "1970 އޯލްޑްސްމޯބައިލް" ކާރުގައި ޖެހިފައިވަނީ، އުމުރުން 21 އަހަރުގެ ޒުވާނަކު ދުއްވި ސައިކަލެކެވެ. ސައިކަލު ޖެހިފައިވަނީ ކާރުގެ ކުރީކޮޅުގައެވެ. އެކްސިޑެންޓްވުމާއެކު، ސައިކަލު ދުއްވަން އިން ޒުވާނާ ވަނީ ސައިކަލުން ވެއްޓިފައެވެ.

ކެލިފޯނިއާ ހައިވޭ ޕެޓްރޯލް އިން ހާމަކުރި ގޮތުގައި ސައިކަލު ދުއްވަން އިން ޒުވާނާ ވެއްޓުމުން، ޖޭސަން ވަނީ އެ ޒުވާނާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ހާދިސާގައި ޖޭސަންއަށް އަނިޔާއެއް ލިބިފައިނުވެއެވެ. ސައިކަލު ދުއްވަން އިން ޒުވާނާއަށް ހޮސްޕިޓަލްގައި ފަރުވާ ދީފައިވާއިރު، އެ ޒުވާނާއަށް ކުދިކުދި އަނިޔާތަކެއް ވަނީ ލިބިފައެވެ.