"ހައުސްފުލް 4" ގެ އާމްދަނީއާ ގުޅޭ ގޮތުން ދޮގެއް ނަހަދަން: އަކްޝޭ

ބޮލީވުޑްގެ ފިލްމް "ހައުސްފުލް 4" އަށް ލިބޭ އާމްދަނީއާއި ގުޅޭ ގޮތުން ޕްރޮޑިއުސަރުން ދޮގު ނުހަދާ ކަމަށް އެ ފިލްމްގެ ލީޑް އެކްޓަރު އަކްޝޭ ކުމާރް ބުނެފިއެވެ.

މީގެ ކުރިން "ހައުސްފުލް" ފްރެންޗައިޒްގެ ކާމިޔާބު ތިން ފިލްމް ވަނީ ރިލީޒްކޮށްފައެވެ. ނަމަވެސް މިދިޔަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރި "ހައުސްފުލް 4" އަށް ލިބޭނެ ކަމަށް އަންދާޒާކުރި މިންވަރަށް ތަރުހީބު ނުލިބެއެވެ.

ފޮކްސް ސްޓާ ސްޓޫޑިއޯސް އާއި ނަދިއަދުވާލާ ގްރޭންޑްސަން އެންޓަޓެއިންމެންޓް އިން ޕްރޮޑިއުސްކުރި ފިލްމާއި ގުޅޭ ގޮތުން އަކްޝޭ ބުނީ ފިލްމް ރިލީޒްކުރިފަހުން ލިބުނު އާމްދަނީއާ ގުޅޭ ގޮތުން ޕްރޮޑިއުސަރުން ދޮގު ނަހަދާ ކަމަށެވެ.

އަކްޝޭ ބުނީ ފޮކްސް ސްޓާ ސްޓޫޑިއޯސްއަކީ ފިލްމް އުފައްދައިގެން އެތައް މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވާ ކާމިޔާބު ކުންފުންޏެއް ކަމަށެވެ.

ފޮކްސް ސްޓޫޑިއޯގެ ޓްވިޓާގައި، "ހައުސްފުލް 4" އަށް ލިބުނު އާމްދަނީގެ މައުލޫމާތު ހާމަކުރަމުންދާކަން ފާހަގަކޮށް އެއީ ދޮގު މައުލޫމާތު ނޫން ކަމަށް އަކްޝޭ ވަނީ ތަކުރާރުކޮށް ބުނެފައެވެ.

ފިލްމް ޕްރޮޑިއުސްކުރި ފޮކްސް ސްޓާ އިން ހާމަކުރާ ގޮތުގައި "ހައުސްފުލް 4" އަށް ހަތް ދުވަހުގެ ތެރޭގައި ލިބުނީ 141.31 ކްރޯޑް ރުޕީސްއެވެ.