ފިލްމް "83" ގެ ބައެއް ތަރިން

ކްރިކެޓް މުބާރާތް އިންޑިއާއިން ކާމިޔާބުކޮށްފި ނަމަ ފިލްމެއް އުފައްދަނީ

މިހާރު ކުރިއަށްދާ ކްރިކެޓް ވޯލްޑް ކަޕް އިންޑިއާއިން ކާމިޔާބުކޮށްފި ނަމަ އެކަމަށް ބިނާކޮށް ފިލްމެއް ހަދާނެ ކަމަށް ފިލްމް "83" ގެ އެއް ޕްރޮޑިއުސަރު ކަމަށްވާ މަދޫ މަންތޭނާ ބުނެފިއެވެ.

ފިލްމް "83" އަކީ 1983 ވަނަ އަހަރު ބޭއްވި ކްރިކެޓް ވޯލްޑް ކަޕް އިންޑިއާއިން ކާމިޔާބު ކުރި ހާދިސާގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ.

މިއަހަރުގެ ކްރިކެޓް ވޯލްޑް ކަޕް އިންޑިއާއިން ކާމިޔާބުކޮށްފި ނަމަ އެ ހާދިސާއަށް ފިލްމް އުފައްދަން ބޭނުންވާކަން ހާމަކޮށްފައިވަނީ މަދޫ މަންތޭނާ ނެރުނު ބަޔާނެއްގައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް މަދޫ ހާމައެއް ނުކުރެއެވެ.

މިހާރު ކުރިއަށްދާ އެ މުބާރާތުގައި އިންޑިއާގެ ޓީމް ވަނީ ސެމީ ފައިނަލުން ގާތްގަނޑަކަށް ޖާގައެއް ކަށަވަރުކޮށްފައެވެ.

ފިލްމް "83" ގެ ޑައިރެކްޓަރަކީ ކަބީރް ހާނެވެ. ފިލްމްގެ ލީޑް ރޯލުން ރަންވީރު ސިންގް ފެނިގެންދާއިރު، ފިލްމްގައި ރަންވީރު ކުޅޭނީ އިންޑިއާއިން އެ މުބާރާތް ކާމިޔާބުކުރި އިރު ޓީމްގެ ކެޕްޓަނަކަށް ހުރި ކަޕިލް ދޭވްގެ ރޯލެވެ. މި ފިލްމުން ފެނިގެންދާނެ އިތުރު އެކްޓަރުންގެ ތެރޭގައި ހާދީ ސަންދޫ، ސާގިބް ސަލީމް، ތާހިރް ބާސިން، އައްމީ ވާކް، އަދިނާތު ކޮތާރޭ އަދި ޖީވާ ހިމެނެއެވެ. މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.