ޕާކިސްތާނުގެ ސުޕްރީމް ކޯޓު

އިންޑިއާގެ ފިލްމްތައް ޕާކިސްތާނުގެ ޓީވީތަކުން ފޮނުވުން މަނާކޮށްފި

އިންޑިއާގެ ފިލްމްތަކާއި ޓީވީ ޝޯތައް، ޕާކިސްތާނުގެ އަމިއްލަ ޓީވީ ޗެނަލްތަކުން ގެނެސްދިނުން ޕާކިސްތާނުގެ ސުޕްރީމް ކޯޓުން މަނާކޮށްފިއެވެ.

ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އެ ނިންމުން ނިންމާފައިވަނީ އެ ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ނިންމުން ނިންމެވިއިރު އިސް ފަނޑިޔާރަކަށް ހުންނެވީ ގުލްޒަރް އަހުމަދެވެ. އިންޑިއާގެ އުފެއްދުންތައް، ޕާކިސްތާނުގެ ޓީވީތަކުން ގެނެސްދިނުން މަނާކޮށްފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.

އެ ނިންމުން ނިންމާފައި މިވަނީ ކަޝްމީރުގެ ޕުލްވާމާ ސަރަހައްދުގައި ޕާކިސްތާނުގެ ހަނގުރާމަވެރިން ދިން ހަމަލާއެއްގައި އިންޑިއާގެ ސިފައިންގެ 44 މީހުން މަރާލުމާއި ގުޅިގެން ސަރަހައްދުގެ ހަމަނުޖެހުން އިތުރުވެފައި ވަނިކޮށެވެ. ރައްދުގައި އިންޑިއާގެ ވައިގެ ސިފައިން ވަނީ ޕާކިސްތާނުގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ކަމަށް ބުނެ ވައިގެ މަގުން ހަމަލާތަކެއް ދީފައެވެ.

އިންޑިއާއިން ދިން ރައްދު ހަމަލާތަކާއި ގުޅިގެން ޕާކިސްތާނުގެ ސިނަމާތަކުގައި އިންޑިއާގެ ފިލްމްތައް ނޭޅުވުމަށް ވަނީ ނިންމާފައެވެ. އޭގެ އިތުރުން އިންޑިއާގެ އުފެއްދުންތަކުގެ އިސްތިހާރު ޕާކިސްތާނުގެ ޓީވީތަކުން ގެނެސް ނުދޭން ވަނީ ނިންމާފައެވެ.