އިންޑިއާގައި ގިނަ މީހުންނަކީ ކަސްރަތު ނުކުރާ މީހުން: ދިރާސާ

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތުގެ މުހިންމުކަމުގެ ވާހަކައަކީ އަބަދުވެސް އަޑުއިވޭ ވާހަކައެކެވެ. ނަމަވެސް އިންޑިއާގައި ކުރެވުނު ދިރާސާއަކުން ހާމަވި ގޮތުގައި ގިނައީ ކަސްރަތު ނުކުރާ މީހުންނެވެ.

މާކެޓް އިންޓެލިޖެންސް އެޖެންސީ، މިންޓެލް އިން ކުރިއަށް ގެންދިޔަ އެ ދިރާސާގައި ވަނީ އިންޑިއާގެ އުމުރުން 18 އަހަރުން މަތީގެ 3000 މީހުން ބައިވެރިކޮށްފައެވެ. ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 64 އިންސައްތަ މީހުން ބުނެފައިވަނީ ކަސްރަތު ނުކުރާ ކަމަށެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކުރާ ކަމަށް ބާކީ ތިބި 46 އިންސައްތަ މީހުން ބުނާއިރު އޭގެ ތެރެއިންވެސް ކަސްރަތުކުރަނީ 37 އިންސައްތަ މީހުން ކަމަށް އެ ދިރާސާ އިން ވަނީ ހާމަވެފައެވެ.

ދިރާސާގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން 31 އިންސައްތަ މީހުން ބުނެފައިވާ ގޮތުން ކަސްރަތު ނުކުރެވެނީ އެކަމަށް ވަގުތު ނުލިބޭތީއެވެ.

ކަސްރަތުގެ ގޮތުގައި ގިނަ މީހުން ހިޔާރުކުރަނީ ހިނގުމެވެ. އަދި ކަސްރަތުގެ ގޮތުގައި ކުޅިވަރު ކުޅޭ މީހުންވެސް ފާހަގަ ކުރެވިފައިވާ ކަމަށް މިންޓެލް އިން ބުނެއެވެ. ކަސްރަތު ކުރުމަށް ގިނަ މީހުން ޖިމަށް ނުދާ މައިގަނޑު އެއް ސަބަބަކީ އަގު ބޮޑުވުމެވެ.