ޒަވީ އޭޝްޓޮން

"ކެޕްޓަން މާވެލް 2" ގެ ވިލަންއަކަށް ޒަވީ

ފިލްމް "ކެޕްޓަން މާވެލް 2" ގެ ވިލަންގެ ރޯލަށް ބަތަލާ ޒަވީ އޭޝްޓޮން ގުޅިއްޖެއެވެ.

މިއީ 2019 ވަނަ އަހަރު ރިލީޒްކުރި ބްލޮކްބަސްޓާ ފިލްމް، "ކެޕްޓަން މާވެލް" ގެ ފޮލޯ-އަޕް ފިލްމެކެވެ. "ކެޕްޓަން މާވެލް 2" ޑައިރެކްޓްކުރާނީ ނިއާ ޑަކޯސްޓާއެވެ.

"ކެޕްޓަން މާވެލް 2" ގައި ބަތަލާ ޒަވީ ފެނިގެންދާނީ ކޮން ކެރެކްޓާއަކުންކަން އަދި ނޭނގެއެވެ. ނަމަވެސް މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ޒަވީ ފެނިގެންދާނީ މައި ވިލަންގެ ރޯލުންނެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން "ކެޕްޓަން މާވެލް 2" ރިލީޒްކުރާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ސިނަމާތަކުގައެވެ. މި ފިލްމުން ބްރީ ލާޒަން އާއި އިމާން ވެލާނީ ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރަޔަން ފްލެކް އާއި އަނާ ބޯޑެން ޑައިރެކްޓްކޮށް 2019 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ކެޕްޓަން މާވެލް" އަށް ބޮކްސް އޮފީހުގައި 1.1 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.