ކަންގަނާ

"ތަލައިވީ" އޮންލައިންކޮށް ދޫކޮށް ނުލެވޭނެ: ކަންގަނާ

ކޮވިޑް-19 އާ ގުޅިގެން ސިނަމާތައް ބަންދުކޮށްފައިވާއިރު، ސިނަމާގައި ފިލްމް ރިލީޒްކުރުމުގެ ބަދަލުގައި ބައެއް ފިލްމްތައް މިހާރު ރިލީޒް ކުރެވެމުން އަންނަނީ އޮންލައިން ޕްލެޓްފޯމްތަކުގައެވެ. އެ ގޮތުން ކަންގަނާ ރަނާވަތު ލީޑް ރޯލުން ފެނިގެންދާ ފިލްމް "ތަލައިވީ" ވެސް އޮންލައިން ޕްލެޓްފޯމެއްގައި ރިލީޒްކުރާނެ ކަމަށް ބެލެވޭ ކަމަށް ބައެއް ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫހަކުން ވަނީ، އޮންލައިން ޕްލެޓް ފޯމެއްގައި ފިލްމް "ތަލައިވީ" ރިލީޒްކުރުމާމެދު ދެކެނީ ކިހިނެތްތޯ ކަންގަނާ އާ ސުވާލުކޮށްފައެވެ. އެއާއެކު ކަންގަނާ ބުނީ "ތަލައިވީ" އަކީ ބޮޑު ސްކްރީންގައި ރިލީޒްކުރަން އޮތް ފިލްމެއް ކަމަށެވެ.

ކަންގަނާ ބުނި ގޮތުގައި އޮންލައިން ޕްލެޓް ފޯމެއްގައި ފިލްމް ރިލީޒްކުރުން ބިނާވެފައި އޮންނަނީ އެކި ސަބަބުތަކުގެ މައްޗަށެވެ. ފިލްމް "ތަލައިވީ" އަކީ މެސިވް ސްކޭލް ފިލްމެއް ކަމަށާއި ޑިޖިޓަލްކޮށް ރިލީޒްކޮށް ނުލެވޭނެ ކަމަށް ކަންގަނާ ވަނީ ބުނެފައެވެ. ކަންގަނާ ލީޑް ރޯލު ކުޅެ މިދިޔަ އަހަރު ރިލީޒްކުރި ފިލްމް "މަނިކަރްނިކާ: ދަ ކުއީން އޮފް ޖާންސީ" އަކީވެސް އެފަދަ ފިލްމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އުމުރުން 33 އަހަރުގެ އެކްޓްރެސް ބުނި ގޮތުގައި ފިލްމް "ޕަންގާ" އާއި "ޖަޖްމެންޓަލް ހޭ ކިޔާ" އުފައްދާފައިވަނީ ޑިޖިޓަލް-ފްރެންޑްލީ ކޮށެވެ.