އެއްވެސް ނިންމުމަކާމެދު ހިތާމައެއް ނުކުރަން: ވާނީ ކަޕޫރް

ފިލްމީ ދާއިރާގައި މިހާތަނަށް ނިންމާފައިވާ ނިންމުންތަކާމެދު ހިތާމަނުކުރާ ކަމަށް ބޮލީވުޑްގެ އެކްޓްރެސް ވާނީ ކަޕޫރް ބުނެފިއެވެ.

އިންޑޯ-އޭޝިއަން ނިއުސް ސާވިސް (އައިއޭއެންއެސް) އަށް މައުލޫމާތު ދެމުން އެކްޓްރެސް ވާނީ ކަޕޫރް ބުނެފައިވަނީ މިހާތަނަށް ނިންމާފައިވާ ނިންމުންތަކާމެދު ވަރަށް އުފާ ކުރާ ކަމަށެވެ.

ބަތަލާ ވާނީ ކަޕޫރްގެ ކުރިއަށް އޮތް ފިލްމް "ޝަމްޝޭރާ" އާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ބުނެފައިވަނީ ފިލްމީ ދާއިރާގައި ކުރަން ބޭނުންވާ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށާއި އެ ޗެލެންޖްތަކަށް އިންތިޒާރުކުރާ ކަމަށެވެ. އެގޮތުން ކޮމެޑީ ފިލްމްތަކާއި ރޮމޭންޓިކް ފިލްމްތައް ކުޅެން ބޭނުންވާ ކަމަށް ވާނީ ކަޕޫރް ބުންޏެވެ.

ވާނީ ކަޕޫރް ބޮލީވުޑަށް ތައާރަފުވެފައިވަނީ 2013 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ސުދް ދޭސީ ރޮމޭންސް" އިންނެވެ. އެ ފިލްމުން އޭނާއަށްވަނީ ފިލްމްފެއާ އެވޯޑްގެ ބެސްޓް ފީމޭލް ޑިބަޓް އެވޯޑް ލިބިފައެވެ. ވާނީ ކަޕޫރް ވަނީ 2016 ވަނަ އަހަރު ނެރެނު ފިލްމް "ބޭފިކްރް" ގައިވެސް މަސައްކަތްކޮށްފައެވެ.