ޕްރިޔަންކާގެ ރެސްޓޯރަންޓް "ސޯނާ" ގެ ފޮޓޯތަކެއް: ފޮޓޯ ޕްރިޔަންކާ އިންސްޓަގްރާމް

ޕްރިޔަންކާގެ ރެސްޓޯރަންޓްގެ ފޮޓޯތައް ދައްކާލައިފި

ރެސްޓޯރަންޓްގެ ވިޔަފާރިއަށް ނިކުންނަން އުޅޭކަން ޕްރިޔަންކާ ޗޯޕްރާ ހާމަކުރީ މިމަހުގެ ކުރީކޮޅުއެވެ. "ސޯނާ" ގެ ނަމުން ނަންދީފައިވާ މި ރެސްޓޯރަންޓް، އިއްޔެ މިވަނީ އާންމުންނަށް ހުޅުވާލާފައެވެ.

ނިއު ޔޯކްގައި ހުންނަ މި ރެސްޓޯރަންޓް ހުޅުވުމަށް ޕްރިޔަންކާއަށް ނުދެވުނެވެ. ޕްރިޔަންކާއަށް ރެސްޓޯރަންޓް ހުޅުވަން ނުދެވުނީ ފިލްމެއްގެ ޝޫޓިން އޮތުމުގެ ސަބަބުންނެވެ.

ޕްރިޔަންކާ މިވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ރެސްޓޯރަންޓްގެ ފޮޓޯތައް ހިއްސާކޮށްލާފައެވެ. ޕްރިޔަންކާ ވަނީ ރެސްޓޯރަންޓް ހުޅުވުމުގައި އެހީތެރިވެދިން މީހުންނަށް ޝުކުރު އަދާކޮށްފައެވެ. ޕްރިޔަންކާ ބުނި ގޮތުގައި ރެސްޓޯރަންޓަށް ނަން ދިނީ އޭނާގެ ފިރިމީހާ ނިކް ޖޯނަސްއެވެ.

އުމުރުން 38 އަހަރުގެ ޕްރިޔަންކާ މީގެ ކުރިން ބުނި ގޮތުގައި އެ ރެސްޓޯރަންޓްގައި އިސް ޝެފެއްގެ ގޮތުގައި އުޅޭނީ ހަރީ ނަޔަކްއެވެ. އެ ރެސްޓޯރަންޓުން އިންޑިއާގެ ކާބޯތަކެތި ލިބެން ހުންނާނެ ކަމަށްވެސް ޕްރިޔަންކާ ބުނެފައިވެއެވެ.