"ޖަބަރިޔާ ޖޯޑީ" ގެ ޑައިރެކްޓަރަށް އިންޒާރުގެ ފޯނު ކޯލުތައް

"ޖަބަރިޔާ ޖޯޑީ" އަކީ ޕްރަޝާންތު ސިންގް ޑައިރެކްޓް ކުރާ އެންމެ ފުރަތަމަ ފިލްމެވެ. މި ފިލްމުގައި ފެނިގެންދާނީ ސިދާތް މަލޯތްރާ އާއި ޕަރިނީތީ ޗޯޕްރާގެ މަޖާ ލޯބީގެ ވާހަކައެއްގެ އިތުރުން އިންޑިއާގެ އުއްތުރަޕްރަދޭޝްގެ ބިހާރުގައި ހިނގަމުންދާ ވަރަށް ސީރިއަސް މައްސަލައެއްގެ ވާހަކައެވެ.

މި ފިލްމު ބިނާ ކުރެވިފައިވަނީ އިންޑިއާގައި ކައިވެނި ކުރާ އަންހެން ކުއްޖާގެ އާއިލާގެ ފަރާތުން ފިރިހެން މީހާގެ އާއިލާއަށް ދޭންޖެހޭ ފައިސާ ނުދޭންވެގެން ފިރިހެން މީހާ ވަގަށް ނަގާ މައްސަލައަށެވެ. މިއީ ގަދަކަމުން ކުރުވާ ކައިވެނީގައި އެންމެ ގިނައިން ބިހާރުގައި ވާކަމެކެވެ.

ފިލްމުގެ ޓްރެއިލާ ނުކުތް ފަހުން ފިލްމުގެ ޑައިރެކްޓަރަށް، ކާކުކަން ނޭނގޭ ފަރާތްތަކުން ގުޅުމަށްފަހު ފިލްމު ޕްރޮމޯޓު ނުކުރުމަށާއި ފިލްމު ނުނެރުމަށް ވަނީ އިންޒާރު ދީފައެވެ. ނަމަވެސް ހުއްޓުމެއްނެތި ފިލްމުގެ ޕްރޮމޯޝަނަލް ކަންތައް މިހާރުވެސް ކުރިޔަށްދެއެވެ. ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ.