ސްޕައިޑަ-މޭން 3 އިން ޓޮބީ އަދި އެންޑްރޫ ނުފެންނާނެ : ޓޮމް

ސްޕައިޑަ-މޭން 3 އިން އެކްޓަރު ޓޮބީ މެގްއާ އަދި އެންޑްރޫ ގާފީލްޑް ނުފެންނާނެ ކަމަށް އެކްޓަރު ޓޮމް ހޮލަންޑް ބުނެފިއެވެ.

ޓޮބީ މެގްއާ އަދި އެންޑްރޫ ގާފީލްޑަކީ މީގެ ކުރިން ސްޕައިޑަ-މޭންގެ ރޯލު ކުޅުނު ދެ އެކްޓަރުންނެވެ. ކުރިއަށް އޮތް ސްޕައިޑަ-މޭންގެ ފިލްމްގެ ކްލައިމެކްސް ސީންގައި އެ ދެ އެކްޓަރުން ފެނިގެންދާނެ ކަމަށް ހޮލީވުޑްގެ ބައެއް ނޫސްތަކުން މީގެ ކުރިން ވަނީ ރިޕޯޓްކޮށްފައެވެ.

އެމެރިކާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޓޮމް ހޮލަންޑް ވަނީ ސްޕައިޑަ-މޭންގެ ކުރިއަށް އޮތް ފިލްމުން ޓޮބީ އަދި އެންޑްރޫ ނުފެންނާނެ ކަމަށް ބުނެފައެވެ. ސްޕައިޑަ-މޭންގެ ކުރިއަށް އޮތް ފިލްމަކީ ސްޕައިޑަ-މޭން: ހޯމްކަމިންގް އަދި ސްޕައިޑަ-މޭން ފާ ފްރޮމް ހޯމްއާ ގުޅިގެންދާ ފިލްމެއް ކަމަށް ބުނެފައެވެ. މި ދެ ފިލްމްގައިވެސް ސްޕައިޑަ-މޭންގެ ރޯލު ކުޅުނީ ޓޮމް ހޮލަންޑެވެ.

އެކްޓަރު ޓޮބީ މެގްއާ ވަނީ ސްޕައިޑަ-މޭންގެ ތިން ފިލްމަކުން ފެނިގެން ގޮސްފައެވެ. އެއީ 2002 ވަނަ އަހަރު ރިލީޒްކުރި "ސްޕައިޑަ-މޭން" އާއި 2004 ވަނަ އަހަރު ރިލީޒްކުރި "ސްޕައިޑަ-މޭން 2" އަދި 2007 ވަނަ އަހަރު ރިލީޒްކުރި "ސްޕައިޑަ-މޭން 3" ކެވެ. އެކްޓަރު އެންޑްރޫ، ސްޕައިޑަ-މޭން ގެ ގޮތުގައި ފެނިގެންދިޔައީ 2012 ވަނަ އަހަރު ރިލީޒްކުރި "ދަ އެމޭޒިން ސްޕައިޑަ-މޭން" އާއި 2014 ވަނަ އަހަރު ރިލީޒްކުރި "ދަ އެމޭޒިން ސްޕައިޑަ-މޭން 2" އިންނެވެ.

ސްޕައިޑަ-މޭންގެ ކުރިއަށް އޮތް ފިލްމްގައިވެސް ލީޑް ރޯލު ކުޅޭނީ ޓޮމް ހޮލަންޑެވެ. މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުއެވެ.