ފިލްމްގައި ދީޕިކާ

ފިލްމް "ޗަޕާކް" އާ ގުޅިގެން ދައުވާކޮށްފި

ބޮލީވުޑްގެ އެކްޓްރެސް ދީޕިކާ ޕަދުކޯންގެ ކުރިއަށް އޮތް ފިލްމް "ޗަޕާކް" އާ ގުޅިގެން މީހަކު ބޮމްބޭ ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ފިލްމް "ޗަޕާކް" އަކީ އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވި ލަކްޝްމީ އަގަރްވާލުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. ބޮމްބޭ ހައިކޯޓަށް މައްސަލަ ހުށަހެޅި ރާކޭޝް ބަރްތީ ބުނި ގޮތުގައި ފިލްމް "ޗަޕާކް" އުފައްދާފައިވަނީ އޭނާ ލިޔުނު ވާހަކައެއްގެ މައްޗަށެވެ.

ރާކޭޝް ބޮމްބޭ ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ އެ ފިލްމްގެ ވާހަކަ ލިޔުނު މީހެއްގެ ގޮތުގައި އޭނާއަށް ކްރެޑިޓް ލިބެންޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައެވެ.

ފިލްމް "ޗަޕާކް" އުފައްދާފައިވަނީ "ބްލެކް ޑޭ" ގެ ނަމުގައި އޭނާ ލިޔުނު ވާހަކައަކަށް ކަމަށާއި އިންޑިއަން މޯޝަން ޕިކްޗާސް ޕްރޮޑިއުސާސް އެސޯސިއޭޝަންގައި އެ ވާހަކަ 2015 ވަނަ އަހަރުގެ ފެބްރުއަރީ ގައި ރަޖިސްޓްރީކޮށްފައިވާނެ ކަމަށްވެސް ރާކޭޝް ދަނީ ބުނަމުންނެވެ.

އެ ވާހަކަ ލިޔުމަށްފަހު ފިލްމެއް އުފެއްދުމަށް މަސައްކަތް ކުރި ކަމަށާއި ބައެއް އާޓިސްޓުންނާއި ޕްރޮޑިއުސަރުން ގާތަށް ދިޔަ ކަމަށްވެސް ރާކޭޝް ވަނީ ބުނެފައެވެ.

ބޮމްބޭ ހައިކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް، އެކަމާ ގުޅޭ ގޮތުން އެ ކޯޓުން ރާކޭޝްއަށް ވަކި އެއްޗެއް އަދި އަންގާފައި ނުވެއެވެ.

ފިލްމް "ޗަޕާކް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ.