ހެންރީ ކެވިލް ސުޕަމޭންގެ ރޯލުން

ސުޕަމޭންގެ ރޯލަށް އަލުން ހެންރީ ގެންނެނީތަ؟

ސުޕަމޭންގެ ރޯލަށް އެކްޓަރު ހެންރީ ކެވިލް އަލުން ގެނައުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވެން ފަށައިފިއެވެ.

ޒެކް ސްނައިޑާ ޑައިރެކްޓްކޮށް 2013 ވަނަ އަހަރު ރިލީޒްކުރި ފިލްމް "މޭން އޮފް ސްޓީލް" އާއި 2016 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ބެޓްމޭން ވާސަސް ސުޕަމޭން" އަދި 2017 ވަނަ އަހަރުގެ ފިލްމް "ޖަސްޓިސް ލީގް" ގައި ކްލާކް ކެންޓް ނުވަތަ ސުޕަމޭންގެ ރޯލު ކުޅެފައިވަނީ އެކްޓަރު ހެންރީ ކެވިލްއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޑީސީ ކޮމިކްސްގެ ފިލްމެއްގައި ސުޕަމޭންގެ ރޯލަށް ހެންރީ ގެނައުމަށް، ފިލްމް އުފައްދާ ފަރާތާއި ހެންރީއާމެދު ދަނީ މަޝްވަރާތައް ކުރެވެމުންނެވެ. ނަމަވެސް އެކަން ފިލްމް އުފައްދާ ފަރާތުން އަދި ހެންރީވެސް ކަށަވަރުކޮށްދީފައިނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

"ޖަސްޓިސް ލީގް" ގެ ފިލްމެއް އުފައްދަން އުޅޭކަން ދާދިފަހުން ޑައިރެކްޓަރު ޒެކް ސްނައިޑާ ވަނީ އިއުލާނުކޮށްފައެވެ. އެ ފިލްމް ރިލީޒްކުރާނީ އެޗްބީއޯ މެކްސް މެދުވެރިކޮށް ކަމަށްވެސް އިއުލާނުކޮށްފައިވެއެވެ.