ގަލް ގެޑޯއަށް އިތުރު ދަރިއަކު ލިބެން އުޅޭކަން ހާމަކޮށްފި
އިޒްރޭލުގެ އެކްޓްރެސް ގަލް ގެޑޯއަށް އިތުރު ދަރިއަކު ލިބެން އުޅޭކަން ހާމަކޮށްފިއެވެ.
ދަރިއަކު ލިބެން އުޅޭކަން ގަލް ގެޑޯ ހާމަކުރީ ފިރިމީހާ އާއި ދެ ކުދިންނާއެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.
ގަލް ގެޑޯ އާއި އޭނާގެ ފިރިމީހާ ވަރްސާނޯގެ ކައިވެންޏަށް މިހާރުވެސް ދެ އަންހެން ކުދިން ލިބިފައިވެއެވެ. އެދެމަފިރިންގެ ފުރަތަމަ ދަރިފުޅަށް ކިޔާފައިވާ ނަމަކީ އަލްމާއެވެ. ދެވަނަ ދަރިފުޅަށް ކިޔާފައިވާ ނަމަކީ މާޔާއެވެ. ވަރްސާނޯ އާއި ގަލް ގެޑޯ ކައިވެނިކޮށްފައިވަނީ 2008 ވަނަ އަހަރުއެވެ.
އުމުރުން 35 އަހަރުގެ ގަލް ގެޑޯ އެންމެ ފަހުން ފެނިގެންދިޔަ ފިލްމަކީ "ވޮންޑަ ވުމަން 1984" އެވެ. 2017 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ވޮންޑަ ވުމަން" އާއި "ޖަސްޓިސް ލީގް" ގައިވެސް ގަލް ގެޑޯ ވަނީ ވޮންޑަ ވުމަންގެ ރޯލުން ފެނިގެން ގޮސްފައެވެ. އޭގެ އިތުރުން ފާސްޓް އެންޑް ފިއުރިއަސްގެ ބައެއް ފިލްމްތަކުންވެސް ގަލް ގެޑޯ ފެނިގެން ގޮސްފައިވެއެވެ.