"ވޮންޑަ ވުމަން 1984" ގެ ޓީޒާ ދައްކާލައިފި

ޕެޓީ ޖެންކިންސް ޑައިރެކްޓްކުރާ ފިލްމް "ވޮންޑަ ވުމަން 1984" ގެ ޓީޒާ ދައްކާލައިފިއެވެ. މި ފިލްމްގައިވެސް "ވޮންޑަ ވުމަން" ގެ ރޯލުން ފެނިގެންދާނީ ގަލް ގެޑޯއެވެ.

ޑީސީ ފިލްމްސް އާއި އެޓްލަސް އެންޓަޓެއިންމެންޓް އިން ޕްރޮޑިއުސްކުރާ މި ފިލްމްގެ ޑިސްޓްރިބިއުޓަރަކީ ވޮނާ ބްރޯސްއެވެ.

ފިލްމްގެ ސެޓްގެ ބައެއް މަންޒަރުތަކާއި ވީޑިއޯތައް ލީކުވެފައިވާއިރު، ޑީސީ ޔުނިވާސްގެ ފޭނުން ތިބީ މި ފިލްމަށް ކެތްމަދުވެފައެވެ. ފިލްމްގެ ޓީޒާ ވީޑިއޯކޮޅުގައި ވާހަކަ ދައްކަމުން ގަލް ގެޑޯ ބުނީ ފިލްމްގެ ޓްރެއިލާ މިއަދުގެ ވަގުތެއްގައި ރިލީޒްކުރެވިގެންދާނެ ކަމަށެވެ.

ޓީޒާ ބެލުމަށްފަހު، މަޝްހޫރު ރެސްލާ އަދި އެކްޓަރު ޑްވޭން ޖޯންސަން (ދަ ރޮކް) ވެސް ވަނީ މި ޓީޒާއަށް ތަރުހީބުދީފައެވެ. އަދި މިއީ ބޮޑު ފިލްމަކަށް ވެގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

މި ފިލްމްގެ ކާސްޓުންގެ ތެރޭގައި ކްރިސް ޕައިން އާއި ޕެޑްރޯ ޕާސްކަލް ހިމެނެއެވެ. މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.