"ވޮންޑަ ވުމަން" ގެ ސީކުއެލްގައި ޕެޑްރޯ ވިލަން އެއްގެ ރޯލަށް

"ވޮންޑަ ވުމަން" ގެ ދެވަނަ ފިލްމްގައި، އެކްޓަރު ޕެޑްރޯ ޕާސްކަލް ފެނިގެންދާނީ ވިލަންއެއްގެ ރޯލުން ކަމަށް ފިލްމްގެ ޑައިރެކްޓަރު ޕެޓީ ޖެންކިންސް ހާމަކޮށްފިއެވެ. މިއީ 2017 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ވޮންޑަ ވުމަން" ގެ ސީކުއެލް ފިލްމެކެވެ.

ޑައިރެކްޓަރު ޕެޓީ ބުނި ގޮތުގައި، ޕެޑްރޯ ފެނިގެންދާނީ ޑީސީ ކޮމިކްސްގެ ސުޕަ ވިލަން މެކްސްވެލް ލޯޑްގެ ރޯލުންނެވެ.

އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ސީކުއެލް ފިލްމަށް ދީފައިވާ ނަމަކީ "ވޮންޑަ ވުމަން 1984" އެވެ. އެފިލްމްގައި "ވޮންޑަ ވުމަން" ގެ ރޯލުން ފެނިގެންދާނީ ކުރީގެ ފިލްމްގައިވެސް އެ ރޯލުން ފެނިގެންދިޔަ އެކްޓްރެސް ގަލް ގެޑޯއެވެ. ސީކުއެލް ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ކްރިސް ޕައިން އާއި ކްރިސްޓެން ވިގް އަދި ރޮބިން ވްރައިޓް ހިމެނެއެވެ.

އެކްޓްރެސް ގަލް ގެޑޯ ވަނީ "ވޮންޑަ ވުމަން" ގެ ރޯލުން އިތުރު ދެ ފިލްމަކުންވެސް ފެނިގެން ގޮސްފައެވެ. އެއީ ފިލްމް "ބެޓްމޭން ވާސަސް ސުޕަމޭން: ޑައުން އޮފް ޖަސްޓިސް" އަދި "ޖަސްޓިސް ލީގް" އެވެ.