ވޮންޑަ ވުމަންގެ މަންޒަރެއްގައި ގަލް ގެޑޯ

"ވޮންޑަ ވުމަން 1984" ރިލީޒްކުރުން އަނެއްކާވެސް ފަސްކޮށްފި

ސުޕަހީރޯ ފިލްމް "ވޮންޑަ ވުމަން" ގެ ދެވަނަ ބައި، "ވޮންޑަ ވުމަން 1984" ރިލީޒްކުރާ ތާރީހު އަނެއްކާވެސް ފަސްކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން، މިމަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރަން އޮތް ފިލްމް ރިލީޒްކުރާ ތާރީހު މި އަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހަށް ފަސްކުރުމަށްފަހު މިހާރު މިވަނީ ފިލްމް ރިލީޒްކުރާ ތާރީހު އަނެއްކާވެސް ފަސްކޮށްފައެވެ. މިހާރު މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހުއެވެ.

ޕެޓީ ޖެންކިންސް ޑައިރެކްޓްކުރާ މި ފިލްމްގައި ވޮންޑަ ވުމަންގެ ރޯލުން ފެނިގެންދާނީ ގަލް ގެޑޯއެވެ. މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ކިސްޓެން ވިގް، ޕެޑްރޯ ޕާސްކަލް އަދި ރޮބިން ރައިޓް ހިމެނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ސިނަމާތައް ބަންދުކޮށްފައިވާއިރު، ހޮލީވުޑް އަދި ބޮލީވުޑްގެ ގިނަ ފިލްމްތަކެއް ރިލީޒްކުރުން ވަނީ ފަސްކޮށްފައެވެ. ކޮވިޑް-19 އާ ގުޅިގެން ރިލީޒްކުރުން ފަސްކުރި ފިލްމްތަކުގެ ތެރޭގައި "ނޯ ޓައިމް ޓު ޑައި" އާއި "ޕީޓާ ރެބިޓް 2: ދަ ރަންއަވޭ" އާއި "ފާސްޓް އެންޑް ފިއުރިއަސް 9" އާއި "ފެންޓާސްޓިކް ބީސްޓްސް 3" ހިމެނެއެވެ.