ސްޕައިޑާ މޭން ސީކުއެލް ފިލްމްތަކެއް ރިލީޒްކުރުން ފަސްކޮށްފި
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން، ސްޕައިޑާ މޭންގެ ސީކުއެލް ފިލްމްތަކެއް ރިލީޒްކުރުން ފަސްކޮށްފިއެވެ.
ސޮނީ ޕިކްޗާސް އިން ހާމަކުރި ގޮތުގައި މާވެލް-ސޮނީ ގެ "ސްޕައިޑާ-މޭން ފާ ފްރޮމް ހޯމް" ގެ ސީކުއެލް ރިލީޒްކުރަން މީގެ ކުރިން ހަމަޖެހިފައި އޮތީ 2021 ވަނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ. ނަމަވެސް އެ ފިލްމް ރިލީޒްކުރުން މިހާރު ވަނީ އެ އަހަރުގެ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހަށް ފަސްކޮށްފައެވެ.
ސޮނީ ޕިކްޗާސް އެނިމޭޝަންސްގެ "ސްޕައިޑާ-މޭން އިންޓު ދަ ސްޕައިޑާ-ވާސަސް" ގެ ސީކުއެލް ރިލީޒްކުރުން ވަނީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހަށް ފަސްކޮށްފައެވެ. މީގެ ކުރިން ހަމަޖެހިފައި އޮތީ އެ ސީކުއެލް 2022 ވަނަ އަހަރުގެ އެޕްރީލް މަހުގެ އަށްވަނަ ދުވަހު ރިލީޒްކުރުމަށެވެ.
ޓޮމް ހޮލޭންޑް ލީޑް ރޯލު ކުޅެފައިވާ "ސްޕައިޑާ-މޭން: ފާ ފްރޮމް ހޯމް" ރިލީޒްކުރީ 2019 ވަނަ އަހަރުއެވެ. ފިލްމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.13 ބިލިއަން ޑޯލަރު ލިބުނެއެވެ. "ސްޕައިޑާ-މޭން: ހޯމްކަމިންގް" ރިލީޒްކުރީ 2017 ވަނަ އަހަރުއެވެ.
ކޮވިޑް-19 އާ ގުޅިގެން، ވަރަށް ގިނަ ފިލްމް ރިލީޒްކުރުން ވަނީ ފަސްކޮށްފައެވެ. އޭގެ ތެރޭގައި "ނޯ ޓައިމް ޓު ޑައި" އާއި "ޕީޓާ ރެބިޓް 2: ދަ ރަންއަވޭ" އާއި "ފާސްޓް އެންޑް ފިއުރިސް 9" އާއި "ދަ ނިއު މިއުޓަންޓްސް" އަދި "ފެންޓާސްޓިކް ބީސްޓްސް 3" ހިމެނެއެވެ. އޭގެ އިތުރުން ފިލްމް "ޓޮމް ގަން: މެވެރިކް" އާއި "ދަ ލަވްބާޑްސް" އާއި "މިޝަން އިމްޕޮސިބަލް 7" އާއި "ޖުރަސިކް ވޯލްޑް: ޑޮމިނިއޮން" އަދި "ވޮންޑަ ވުމަން 1984" ރިލީޒްކުރުންވެސް ވަނީ ފަސްކޮށްފައެވެ.