ފިލްމް "ބާލާ" ގެ ޕޯސްޓަރެއް

ފިލްމް "ބާލާ" އަކީ އެންމެ އުނދަގޫ ފިލްމަށް ވީ ސަބަބު އަޔޫޝްމަން ހާމަކޮށްފި

އިންޑިއާގެ އެކްޓަރު އަޔޫޝްމަން ކުރާނާ އެންމެފަހުން ކުޅުނު ހަތް ފިލްމަކީވެސް ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދި ފިލްމްތަކެކެވެ. އަޔޫޝްމަންގެ ކުރިއަށް އޮތް ފިލްމް "ބާލާ" ގައި އޭނާ ފެނިގެންދާނީ ތަލަ މީހެއްގެ ރޯލުންނެވެ. މިއީ ތަލަވަމުންދާ ފިރިހެނަކަށް ދިމާވާ ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ.

އެކްޓަރު އަޔޫޝްމަންގެ ފިލްމް "ބާލާ: މިއަދު ރިލީޒްކުރާއިރު، އޭނާ ބުނި ގޮތުގައި މި ފިލްމަކީ އޭނާގެ ކެރިއަރުގައި ކުޅުނު އެންމެ އުނދަގޫ ފިލްމެވެ.

ފިލްމްގައި އަޔޫޝްމަން ކުޅޭ ކެރެކްޓާ ފުރިހަމަ ގޮތުގައި ގެނެސްދިނުމަށް ތިން ލޭޔަރުގެ ޕްރޮސްތެޓިކްސް ބޭނުން ކުރަން ޖެހުނުކަން ފާހަގަކޮށް އޭނާ ބުނީ ޕްރޮސްތެޓިކްސް ބޭނުންކޮށްގެން އަވީގައި އުޅެން ޖެހުމުން ވަރަށް ބޮޑަށް އުނދަގޫވި ކަމަށެވެ. ހޮލީވުޑް އަދި ބޮލީވުޑްގެ ފިލްމްތަކުގައި ކެރެކްޓާގެ ސިފަ ބަދަލުކުރުމަށް ޕްރޮސްތެޓިކްސް ބޭނުންކުރެއެވެ.

އެކްޓަރު އަޔޫޝްމަން ބުނި ގޮތުގައި ފިލްމް "ބާލާ" ގެ ސްކްރިޕްޓަކީ މިހާތަނަށް އޭނާ މަސައްކަތްކުރި ފިލްމްތަކުގެ ތެރެއިން އެންމެ ރަނގަޅު އެއް ފިލްމް ސްކްރިޕްޓެވެ. ތަލަވުމަކީ އާންމު ކަމެއް ނަމަވެސް އެކަމަށް މިހާތަނަށް ފިލްމެއް ހެދިފައިނުވާކަން އަޔޫޝްމަން ފާހަގަކުރިއެވެ.

އަމަރް ކޯޝިކް ޑައިރެކްޓްކޮށްފައިވާ މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ބޫމީ ޕެޑްނޭކަރާއި ޔާމީ ގޯތަމް ހިމެނެއެވެ.