ރަންދިރް: ފައިލް ފޮޓޯ އިންޑިއާ ޓުޑޭ

ރަންދީރް ކޮވިޑް އިން ރަނގަޅުވެއްޖެ

އިންޑިއާގެ އެކްޓަރު، ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ރަންދީރް ކަޕޫރް ކޮވިޑް-19 އިން ރަނގަޅުވެއްޖެއެވެ.

އުމުރުން 74 އަހަރުގެ ރަންދީރަށް ކޮވިޑް ޖެހިފައިވާކަން އެނގުނީ މިއަހަރުގެ އެޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. ކޮވިޑްއަށް ޕޮޒިޓިވްވުމުން، ރަންދީރަށް ވަނީ ހޮސްޕިޓަލްގައި ފަރުވާދީފައެވެ.

ހުކުރު ދުވަހު، ޓައިމްސް އޮފް އިންޑިއާގެ، އީޓައިމްސްއަށް މައުލޫމާތު ދެމުން ރަންދީރް ވަނީ ގެއަށް އެނބުރި އައިސްފައިވާކަން ކަށަވަރުކޮށްދީފައެވެ. ރަންދީރް ވަނީ އޭނާގެ ހާލު މުޅިން ރަނގަޅު ކަމަށްވެސް ބުނެފައެވެ.

ދުވަސްކޮޅެއް ވަންދެން މީހުންނާއި ބައްދަލުނުކުރުމަށް ރަންދީރަށް ވަނީ އިރުޝާދުދީފައެވެ. އެހެންކަމުން ރަންދީރަށް އޭނާގެ އަންހެނުންނާއި ދަރިންނާއި ބައްދަލުކޮށްލެވޭނީ ދުވަސްކޮޅެއް ފަހުންނެވެ.

ރަންދީރް ވަނީ އޭނާއަށް ފަރުވާދިން ހޮސްޕިޓަލްގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ. ރަންދީރް ބުނި ގޮތުގައި، މުވައްޒަފުން އޭނައާމެދު އަމަލުކުރީ ވަރަށް ރަނގަޅަށެވެ.