"ވާރ" އަށް 166 ކްރޯޑް ރުޕީސް ލިބިއްޖެ

ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފް ލީޑް ރޯލް ކުޅެފައިވާ ފިލްމް "ވާރ" އިއުލާނުކުރި ހިސާބުން ބޮލީވުޑްގައި އެންމެ ގަދަޔަށް ދެކެވުނީ އެ ފިލްމްގެ ވާހަކައެވެ. ބޮލީވުޑް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް ކުރިންވެސް ބެލެވުނު ފިލްމް ހަގީގަތުގައިވެސް ބޮކްސް އޮފީހުގެ ރެކޯޑްތައް މުގުރާލައިފިއެވެ.

މިދިޔަ ހަފުތާ ބަންދުގައިވެސް ފިލްމް "ވާރ" އަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. މިމަހުގެ ދެވަނަ ދުވަހު ރިލީޒްކުރި ފިލްމަށް އިންޑިއާގެ ސިނަމާތަކުން އެކަނިވެސް 166.25 ކްރޯޑް ރުޕީސް މިހާތަނަށް ވަނީ ލިބިފައެވެ.

ފިލްމް "ވާރ" އަށް ލިބެމުންދާ ތަރުހީބަށް ބަލައިލާއިރު ބޮކްސް އޮފީހުގައި އަދިވެސް ކާމިޔާބީ ހޯދާނެ ކަމަށް ބެލެވެއެވެ.

ޔަޝް ރާޖް ފިލްމްސް އިން ގެނެސްދިން މި ފިލްމް ކިރިޔާވެސް ގުޑުވާލާނެ ކަމަށް ބެލެވެނީ މިމަހުގެ 25 ވަނަ ދުވަހު ރިލީޒްކުރާ ފިލްމް "ހައުސްފުލް 4" އަކަށެވެ.