މިމަހު ރިލީޒްކުރާ ބައެއް ބޮލީވުޑް ފިލްމްތައް

އޮކްޓޫބަރު މަސް ފެށުނީއެވެ. މިމަހު ރިލީޒްކުރަން ހުރި ބޮލީވުޑްގެ ފިލްމްތަކަށް ބަލައިލާއިރު އެކްޝަން ފިލްމްތަކާއި ކޮމެޑީ ފިލްމް އަދި ހަގީގީ ހާދިސާތަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމްތައް އެބަހުއްޓެވެ.

 

ވާރ (2 އޮކްޓޫބަރު)

ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފްގެ ކުރިމަތިލުން ދައްކުވައިދޭ ފިލްމް "ވާރ" މާދަމާ ރިލީޒްކުރާނެއެވެ. ސިދާތު އާނަންދު ޑައިރެކްޓްކުރާ މި ފިލްމްގައި ރިތިކް ފެނިގެންދާނީ "ކަބީރް" ނަމަކަށް ކިޔާ މީހެއްގެ ރޯލުންނެވެ. ޓައިގާ ފެނިގެންދާނީ "ހާލިދް" ނަމަކަށް ކިޔާ މީހެއްގެ ރޯލުންނެވެ. ކަބީރްގެ އަމަލުތައް ހުންނަ ގޮތުން އޭނާ މަރާލުމުގެ އޯޑަރު އާދެއެވެ. ކަބީރު މަރާލުމުގައި އިސްކޮށް އުޅެނީ އޭނާ އެންމެ ރަނގަޅަށް ދަންނަ ހާލިދެވެ.

 

ދަ ސްކައި އިޒް ޕިންކް (11 އޮކްޓޫބަރު)

ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމްގެ ލީޑް ތަރިންނަކީ ޕްރިޔަންކާ ޗޯޕްރާ އާއި ފަރްހާން އަހްތަރުގެ އިތުރުން ޒާއިރާ ވަސީމެވެ.

މިއީ 2015 ވަނަ އަހަރު މަރުވި، އިންޑިއާގެ މޯޓިވޭޝަނަލް ސްޕީކާ އަދި ލިޔުންތެރިޔާ އައިޝާ ޗައުދަރީގެ ހަޔާތަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ފިލްމްގައި އައިޝާ ޗައުދަރީގެ ރޯލުން ފެނިގެންދާނީ ޒާއިރާއެވެ. ޕްރިޔަންކާ އާއި ފަރުހާން ފެނިގެންދާނީ އޭނާގެ މައިންބަފައިންގެ ރޯލުންނެވެ.

 

ސާންޑް ކީ އާންކް (25 އޮކްޓޫބަރު)

ތާޕްސީ ޕައްނޫ އާއި ބޫމީ ޕެޑްނޭކަރު ލީޑްރޯލު ކުޅެފައިވާ މި ފިލްމަކީވެސް ހަގީގީ ހާދިސާއެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމަކީ، އިންޑިއާގެ އަންހެން ދެ ޝޫޓަރުން ކަމަށްވާ ޕްރަކާސީ އާއި ޗަންދުރޯ ތޯމަރުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ޕްރަކާޝީ އާއި ޗަންދުރޯ އަކީ އުމުރުން 60 ގެ އަހަރުތައް ގުނަމުންދާ ދެ މީހުންނެވެ. އެހެންކަމުން މި ފިލްމްގައި ތާޕްސީ އާއި ބޫމީ ފެނިގެންދާނީ އެ އުމުރުގެ މީހުންގެ ގޮތުގައެވެ. ތުޝާރު ހިރަނަންދާނީ ޑައިރެކްޓްކޮށްފައިވާ މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ވިނީތު ކުމާރް އާއި ޕްރަކާޝް ޖާގެ އިތުރުން ނިހާތު ހާން ހިމެނެވެ.

 

މޭޑް އިން ޗައިނާ (25 އޮކްޓޫބަރު)

މި ފިލްމްގައި ރާޖްކުމާރް ރާއޯ ފެނިގެންދާނީ ދަތި އުނދަގޫތަކާއެކުވެސް ކުރިއަށްދާން މަސައްކަތްކުރާ ގުޖުރާތުގެ ވިޔަފާރިވެރިއެއްގެ ރޯލުންނެވެ. މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި މޯނީ އޯރީ އާއި ބޮމަން އިރާނީ އަދި ޕަރޭޝް ރަވަލް ހިމެނެއެވެ.

 

ފިލްމް: ހައުސްފުލް 4 (25 އޮކްޓޫބަރު)

"ހައުސްފުލް" ފްރެންޗައިޒްގެ ފިލްމްތަކަށް އިންތިޒާރު ކުރާ ފަރާތްތަކަށް، މިއީ އުފާވެރި ހަބަރެކެވެ. "ހައުސްފުލް 4" މި މަހު ރިލީޒްކުރާނެއެވެ.

އަކްޝޭ ކުމާރް، ކްރިތީ ސޮނަން، ރިތޭޝް ދޭޝްމުކް، ބޮބީ ޑިއޯލް، ކްރިތީ ކަރްބަންދާ އަދި ޕޫޖާ ހޭގް ފެނިގެންދާ މި ފިލްމްގައި ދައްކުވައިދެނީ މީގެ 600 އަހަރު ކުރީގައި ހިނގާފައިވާ ކަންތައްތަކެކެވެ.

މި ފްރެންޗައިޒްގެ ކުރީގެ ފިލްމްތައް ގެނެސްދީފައިވާ ގޮތާއި މި ފިލްމާއި ބޮޑު ތަފާތެއް ހުރިއިރު، މި ފިލްމަކީވެސް މަޖާ ކަންތައްތަކެއް ހިނގާނެ ފިލްމެއް ކަމަށް ބެލެވެއެވެ.