އަމީތާބް ބައްޗަން

އަމީތާބްގެ ޓްވިޓާ ފޮލޮވަރުންގެ އަދަދު 40 މިލިއަނަށް

އަމީތާބް ބައްޗަންގެ ޓްވިޓާ ފޮލޮވަރުންގެ އަދަދު 40 މިލިއަނަށް އަރައިފިއެވެ.

މެގަސްޓާ އަމީތާބަކީ ބޮލީވުޑްގެ ތަރިންގެ ތެރެއިން ޓްވިޓާގައި އެންމެ ހަރަކާތްތެރި އެއް ފަންނާނެވެ. އަމީތާބަކީ ފޭސްބުކް އަދި އިންސްޓަގްރާމްގައިވެސް ހަރަކާތްތެރި ފަންނާނެކެވެ. އަމީތާބްގެ ފޭސްބުކް ޕޭޖްގެ ލައިކްސް 29.9 މިލިއަނަށް އަރާއިރު އިންސްޓަގްރާމް ފޮލޮވަރުންގެ އަދަދު 14 މިލިއަނަށް އަރައެވެ.

ޓްވިޓާގައި، އަމީތާބްގެ ފޮލޮވަރުންގެ އަދަދު 40 މިލިއަނަށް އެރުމުން ގިނަ ބަޔަކު އަންނަނީ ޓްވިޓާ މެދުވެރިކޮށް އަމީތާބަށް މަރުހަބާ ކިޔަމުންނެވެ.

އަމީތާބްގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި ގުލާބޯ ސިތާބޯ، ޖުންދު އަދި ޗެހްރޭ ހިމެނެއެވެ. މި ތިން ފިލްމަކީވެސް މިއަހަރު ރިލީޒްކުރުމަށް ތައްޔާރުވަމުންދާ ފިލްމްތަކެކެވެ.

ޓްވިޓާގައި، އެންމެ ފޮލޮވަރުން ގިނަ އިންޑިއާގެ ރައްޔިތަކީ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޮޑީއެވެ. މޮޑީގެ ޓްވިޓާ ފޮލޮވަރުންގެ އަދަދު 52 މިލިއަނަށް އަރައެވެ.