ޝަކްތީ ކަޕޫރާއި އޭނާގެ ދަރިފުޅު ޝްރައްދާ

ބޭރަށް ދިއުމުގެ ހުއްދަ ޝްރައްދާއަށް ނުދޭނަން: ޝަކްތީ

ފިލްމީ މަސައްކަތަށް ނުކުތުމުގެ ހުއްދަ ޝްރައްދާ ކަޕޫރަށް ނުދޭނެ ކަމަށް ޝަކްތީ ކަޕޫރް ބުނެފިއެވެ.

ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ޝަކްތީ ކަޕޫރް ބުނީ، ކޮވިޑް-19 ގެ މި ހާލަތުގައި ފިލްމް ޝޫޓިން ފެށުމަށް އޭނާ ތައްޔާރު ނޫން ކަމަށެވެ. އަދި ފިލްމް ޝޫޓިން ފެށުމުގެ ހުއްދަ ދަރިފުޅު ޝްރައްދާއަށްވެސް ނުދޭނެ ކަމަށް ޝަކްތީ ވަނީ ބުނެފައެވެ.

ޝަކްތީ ބުނީ ނުރައްކާ ކުޑަވިކަމަށް ގަބޫލުނުކުރާ ކަމަށާއި ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް އިހުސާސް ކުރެވޭ ކަމަށެވެ. ހޮސްޕިޓަލްގެ ބިލު ދެއްކުމަށްވުރެ މިވަގުތު މަޑުކޮށްލުން މާމުހިންމު ކަމަށް ދާއިރާގެ މީހުންނަށް ނަސޭހަތްތެރިވާނެ ކަމަށްވެސް ޝަކްތީ ވަނީ ބުނެފައެވެ.

އިންޑިއާގެ ފިލްމީ ދާއިރާގެ މަސައްކަތްތަށް އަލުން ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އަދި ބައެއް އެކްޓަރުން ދަނީ ފިލްމީ މަސައްކަތްތަކަށް ނިކުތުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް އިންޑިއާއަކީ ކޮވިޑް-19 އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ އެއް ގައުމެވެ. ހަތަރު ވަނައަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އިންޑިއާއިންނެވެ. އެގައުމުން 309،000 އަށްވުރެ ގިނަ މީހުންނަށް މިހާތަނަށް ކޮވިޑް-19 ޖެހިފައިވެއެވެ.