"ވެނޮމް" ގެ ދެވަނަ ބަޔަށް އެހެން ޑައިރެކްޓަރެއް ހޯދަނީ

މިދިޔަ އަހަރު ނެރުނު ފިލްމް "ވެނޮމް" އަކީ ސުޕަ ހީރޯ ފިލްމްތަކާއި ވަރަށް ތަފާތު ފިލްމެކެވެ. ގިނަ ބައެއްގެ ފާޑުކިޔުންތަކާއެކު މި ފިލްމް ވަނީ 856.1 މިލިއަން ޑޮލަރުގެ ފައިދާއެއް ހޯދާފައެވެ. މި ފިލްމްގެ ޑައިރެކްޓަރަކީ ރުބެން ފްލެއިޝާއެވެ. ނަމަވެސް ފްލެއިޝާ މިހާރު "ޒޮމްބީލޭންޑް: ޑަބަލް ޓެޕް" ގެ ޕޯސްޓް-ޕްރޮޑަކްޝަންގެ މަސައްކަތް ކުރިއަށްގެންދާތީ "ވެނޮމް" ގެ ދެވަނަ ބައި ޑައިރެކްޓް ނުކުރާނެ ކަމަށް ބުނެފައެވެ.

މި ފިލްމުގައި ލީޑް ރޯލުން ފެނިގެންދިޔަ ޓޮމް ހާޑީ ދެވަނަ ފިލްމުންވެސް ފެނިގެންދާނެ ކަމަށް ބެލެވެއެވެ. ޓޮމް ހާޑީގެ އިތުރުން މިޝެލް ވިލިއަމްސް އާއި ރިޒް އަހްމެދް ފިލްމުން ފެނިގެންދާނެ ކަމަށް ބެލެެއެވެ.

"ވެނޮމް" ގެ ދެވަނަ ބައި ޑައިރެކްޓް ކުރުމަށް "މޯގްލީ: ލެޖެންޑް އޮފް ދަ ޖަންގަލް" އާއި "ބްރީތު" ގެ ޑައިރެކްޓަރު އެންޑީ ސާކިސް އާއި ވާހަކަ ދެކެވެމުން އެބަދެއެވެ. ސާކިސްގެ އިތުރުން "ބަމްބަލްބީ" ގެ ޑައިރެކްޓަރު ޓްރެވިސް ނައިޓް އާއި ރުޕާޓް ވަޔަޓް ވެސް ވަނީ ޑައިރެކްޓަރަކަށް ވެދާނެ މީހުންގެ ލިސްޓުގައެވެ.

ފިލްމުގެ ސްކްރިޕްޓް ލިޔެފައިވަނީ ކެލީ މާސެލްއެވެ. ފިލްމުގެ ޝޫޓިންގ މިއަހަރު ފަހުކޮޅުގައި ފެށުމަށް އުއްމީދު ކުރާކަމަށް ސޮނީ ސްޓޫޑީއޯސް އިން ވަނީ ބުނެފައެވެ.