ފިލްމް ސާހޯގެ ޕޯސްޓަރެއް

"ސާހޯ" އަށް 400 ކްރޯޑް ރުޕީސް ލިބިއްޖެ

ފިލްމް ކްރިޓިކްސްގެ ފާޑުކިޔުން އަމާޒުވި ނަމަވެސް، ފިލްމް "ސާހޯ" އަށް ބެލުންތެރިންދޭ ތަރުހީބު އަދިވެސް ކުޑައެއް ނުވެއެވެ. ތެލުގޫ ސުޕަސްޓާ ޕްރަބާސް އާއި ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ޝްރައްދާ ކަޕޫރު ފެނިގެންދާ މި ފިލްމަކީ ހިޓް ފިލްމެއްގެ ގޮތުގައި ވަނީ ލިޔެވިފައެވެ.

ފިލްމް ޕްރޮޑިއުސްކުރި ޔޫވީ ކްރިއޭޝަންސް އިން ހާމަކުރި ގޮތުގައި ދުނިޔޭގެ ބޮކްސް އޮފީހުގައި ފިލްމަށް މިހާތަނަށް 400 ކްރޯޑް ރުޕީސް ލިބިފައިވެއެވެ. ފިލްމްގެ ހިންދީ ވާޝަނަށް އެކަނިވެސް ފިލްމަށް 130 ކްރޯޑް ރުޕީސް ލިބިފައިވެއެވެ.

ތިން ބިލިއަން އިންޑިއަން ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމްގެ ޑައިރެކްޓަރަކީ ސުޖީތެވެ.

މި ފިލްމަކީ ކޮޕީއެއް ކަމަށް ބުނެ، ފްރާންސްގެ ޑައިރެކްޓަރަކު ވަނީ ފިލްމްގެ ޓީމަށް ފާޑުކިޔާފައެވެ. ފްރާންސްގެ މަޝްހޫރު ޑައިރެކްޓަރު ޖެރޯމް ސެލީ ބުނި ގޮތުގައި "ސާހޯ" އަކީ 2008 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ލާގޯ ވިންޗް" ގެ ޕްލޮޓުން ވައްކަން ކޮށްގެން އުފައްދާފައިވާ ފިލްމެކެވެ.