"މަނީ ހެއިސްޓް"ގެ ޕޯސްޓަރއެއް

"މަނީ ހެއިސްޓް" ގެ ހިންދީ ފިލްމެއް؟

ނެޓްފްލިކްސްގައި މިހާރު އެންމެ މަޝްހޫރު އެއް ސީރީސް އަކީ ސްޕެނިޝް ސީރީސްއެއް ކަމަށްވާ "މަނީ ހެއިސްޓް"އެވެ. ނުވަތަ "ލަ ކާސަ ޑެ ޕަޕެލް"އެވެ. މި ސީރީސްއަށް ވަނީ 2018 ވަނަ އަހަރު އެންމެ މޮޅު ޑްރާމާގެ ކެޓަގޮރީއިން އެމީއެއްވެސް ލިބިފައެވެ.

ޝާހްރުކް ޚާން މި ފިލްމު ހެދުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ބޮލީވުޑްގެ ނޫސްތަކުން ރިޕޯޓުކުރެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިލްމް އުފެއްދުމަށް ޝާހްރުކް ހުއްދަ ނަގާފައިވާއިރު ފިލްމް ޕްރޮޑިއުސް ކުރާނީ ޝާހްރުކްގެ ޕްރޮޑަކްޝަން ކުންފުނި "ރެޑް ޗިލީ އެންޓަޓެއިންމެންޓް" އިންނެވެ. މި ފިލްމްގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

"މަނީ ހެއިސްޓް" އަކީ މެޑްރިޑްގައި ހުންނަ ރޯޔަލް މިންޓް ފެކްޓްރީއަށް ފޭރޭ މީހުންތަކެއް ވަދެ އެތާ ތެރޭގައި އާންމުންނާއި ސްކޫލު ދަރިވަރުންނާއި ފެކްޓްރީގެ މަސައްކަތު މީހުން ހައްޔަރުކޮށްގެން ތިބެގެން، ފައިސާ ޗާޕުކޮށް ވަގަށް ނަގަން ކުރާ މަސައްކަތްތައް ގެނެސްދޭ ސީރީސްއެކެވެ. މި ސީރީސްގެ ތިންވަނަ ބައި މިދިޔަ މަހު ނެރެފައިވާއިރު، އެހެން ބޭންކެއް ފޭރުމަށް އެ ޓީމުން ކުރާ މަސައްކަތް އެ ސީރީސްގައި ގެނެސްދެއެވެ.

ޝާހްރުކް ފެނިގެންދިޔަ "ހެޕީ ނިއު އިޔާ" އަކީވެސް ޖަވާހިރުތަކެއް ފޭރުމަށް، ބަޔަކު ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. "މަނީ ހައިސްޓް" އާއި ހެޕީ ނިއު އިޔާ" އާއި އެއްގޮތް ކަމެއް ހުރެއެވެ. "މަނީ ހައިސްޓް" ގައި ފޭރުމުގެ ފަހަތުގައި ވާ ސިކުނޑިކަމަށް ވާ ޕްރޮފެސާގެ ރޯލު އަދާ ކުރުމަށް ޝާހްރުކް އަކީ ވަރަށް ރަނގަޅު އެކްޓަރެކެވެ. ނަމަވެސް ފިލްމުގައި އަދި ޝާހްރުކް ފެންނާނެކަމެއް ނޭނގެއެވެ.