"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ޕްރިކުއެލްއެއް އުފައްދަނީ
ޑިޒްނީ އިން 2017 ވަނަ އަހަރު ގެނެސްދިން "ބިއުޓީ އެންޑް ދަ ބީސްޓް" ލައިވް-އެކްޝަން ރިމޭކްގެ ޕްރިކުއެލް ސީރީޒެއްގެ މަސައްކަތް ޑިޒްނީ ޕްލަސް އިން ފަށައިފިއެވެ.
ފިލްމް "ބިއުޓީ އެންޑް ދަ ބީސްޓް" އިން ފެނިގެންދިޔަ އެކްޓަރު ލޫކް އިވާންސް އާއި ޖޯޝް ގަޑް، ޕްރިކުއެލް ސީރީޒުން ފެނިގެންދާނެ ކަމަށް، ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.
މި ޓީވީ ސީރީޒަކީ ހަ އެޕިސޯޑްގެ މިއުޒިކަލް ލިމިޓެޑް ސީރީޒެކެވެ. ސީރީޒްގައި ދައްކުވައިދޭނީ "ބިއުޓީ އެންޑް ދަ ބީސްޓް" ފިލްމްގެ ވާހަކައިގެ ކުރިން ހިނގާ ކަންކަމަށެވެ. މި ސީރީޒް އުފެއްދުމުގައި އިސްކޮށް އުޅެނީ ކުރީގެ ޓީވީ ސީރީޒް "ވަންސް އަޕްއޮން އަ ޓައިމް" އުފެއްދި އެޑްވާޑް ކިޓްސިސް އާއި އެޑަމް ހޮރޮވިޓްޒްއެވެ.
ފިލްމް "ބިއުޓީ އެންޑް ދަ ބީސްޓް" ގައި ބީސްޓްގެ ރޯލުން ފެނިގެން ދިޔައީ އެކްޓަރު ޑޭން ސްޓީވެންސް އެވެ. ފިލްމްގައި ލީޑް ބަތަލާގެ ރޯލު ކުޅުނީ އެމާ ވަޓްސަންއެވެ. ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ޑިޒްނީ ޕްލަސް އިން އުފައްދާ ސީރީޒްގައި ހާއްސަ ފެނިލުންތަކުން އެ ތަރިން ފެނުން ގާތެވެ.
ޑިޒްނީ އިން އުފެއްދި ފިލްމް "ބިއުޓީ އެންޑް ދަ ބީސްޓް" އަށް ބޮކްސް އޮފީހުގައި 1.2 ބިލިއަން ޑޮލަރު ލިބުނެވެ.