ކަރަން

ކަރަންގެ ގޭގައި މަސައްކަތްކުރާ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އިންޑިއާގެ ފިލްމް ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ ގޭގައި މަސައްކަތްކުރާ ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ކަރަން ޖޯހަރް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ދެ މީހެއްގެ ފަރާާތުން ބަލީގެ އަލާމާތްތައް ފެންނަން ފެށުމާއެކު، އެ ދެ މީހުންވެސް ކަރަންގެ ގޭގައި ވަކިން ކަރަންޓީނު ކުރެވުނު ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކަށް އެކަން އަންގައި ގެ ޑިސްއިންފެކްޓް ކުރެވުނު ކަމަށެވެ.

އުމުރުން 48 އަހަރުގެ ކަރަން ބުނީ، އޭނާގެ އާއިލާއާއި އެހެން މުވައްޒަފުންގެ ކިބައިން ބަލީގެ އަލާމާތްތައް ނުފެންނަ ކަމަށެވެ. ގޭގެ އެންމެން ކޮވިޑް-19 އަށް ޓެސްޓް ކުރެވިފައިވާއިރު ނަތީޖާ ނެގެޓިވް ކަމަށާއި ނަމަވެސް ރައްކާތެރިކަމަށްޓަކައި ކުރިއަށް އޮތް 14 ދުވަސްވަންދެން ސެލްފް އައިސޮލޭޝަންގައި ތިބޭނެ ކަމަށް ކަރަން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން، އިންޑިއާ ވަނީ ލޮކްޑައުންކޮށްފައެވެ. އެގައުމުން 145،000 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު 10 ވަނައަށް އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ އިންޑިއާއިންނެވެ.