އެނާ ހަތަވޭ ނެގި ސެލްފީ

އެނާ ހަތަވޭއަށް ދެވަނަ ކުއްޖެއް ލިބެނީ

އެމެރިކާގެ އެކްޓްރެސް އެނާ ހަތަވޭ އާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު އެޑަމް ޝުލްމަނަށް ދެވަނަ ކުއްޖަކު ލިބެން އުޅޭކަން އިއުލާނުކޮށްފިއެވެ.

ބަލިވެއިންކަން އެނާ ހަތަވޭ އިއުލާނުކުރީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި މިރާ ސެލްފީއަކާއެކުގައެވެ. ފިލްމް "އޯޝަންސް 8" ގެ އެކްޓްރެސް ހިއްސާކުރި ފޮޓޯއާއެކު ބުނެފައިވަނީ "މިއީ ފިލްމަކަށް ނޫން" ކަމަށެވެ.

އެނާ ހަތަވޭ އާއި އެޑަމް ޝުލްމަން ކައިވެނިކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ. މި ދެމަފިރިންނަށް 2016 ވަނަ އަހަރު ލިބުނު ދަރިފުޅަށް ދީފައިވާ ނަމަކީ ޖޮނަތަން ރޯސްބޭންކްސްއެވެ. ފުރަތަމަ ދަރިފުޅު ލިބުނު ފަހުން އެނާ ހަތަވޭ ވަނީ ގިނަ ދަރިން ހޯދަން ބޭނުންވާކަން ހާމަކޮށްފައެވެ.

"ދަ ޕްރިންސެސް ޑައިރީޒް" އާއި "ބްރައިޑް ވާރ" ފަދަ ފިލްމްތައް ކުޅެފައިވާ އެކްޓްރެސް އެނާ ހަތަވޭގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި އަންނަ އަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމް "ދަ ވިޗަސް" ހިމެނެއެވެ. އޭގެ އިތުރުން އެނާ ހަތަވޭ ދަނީ "ދަ ލާސްޓް ތިންގް ހީ ވޯންޓެޑް" އަދި "ޑްރައި ރަން" ނަމަކަށް ކިޔާ ދެ ފިލްމަކަށް ތައްޔާރުވަމުންނެވެ. އެ ދެ ފިލްމް ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.