"ޗިޗޯރޭ": ރަހުމަތްތެރިކަމާއި ލޯބީގެ ފިލްމެއް

ބޮލީވުޑްގެ ފިލްމް "3 އިޑިއަޓްސް" އާއި "ސްޓޫޑެންޓް އޮފް ދަ އިޔާ" ފަދަ ފިލްމްތަކަކީ ކޮލެޖްގައި އުޅޭ ކުދިންގެ ދިރިއުޅުމާއި، ރަހުމަތްތެރިކަން ދައްކުވައިދިން އަދި ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑަށް ލިބުނު ދެ ފިލްމެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމް "ޗިޗޯރީ" އަކީވެސް ކޮލެޖްގައި ކިޔަވަމުން ދިޔަ ދަރިވަރުންތަކެއްގެ ރަހުމަތްތެރިކަމާއި، ލޯބީގެ ވާހަކައެއް އެކުލެވޭ ފިލްމެކެވެ. މި ފިލްމްގެ ޓްރެއިލާ ވަނީ އާދިއްތަ ދުވަހު ނެރެފައެވެ.

ސުޝާންތް ސިންގް ރާޖްޕުތާއި، ވަރުން ޝަރްމާ އަދި ޝްރައްދާ ކަޕޫރު ފެނިގެންދާ މި ފިލްމަކީ ފޮކްސް ސްޓަރ ސްޓޫޑިއޯސްއާއި ގުޅިގެން ސާޖިދް ނާދިއާވާލާ ޕްރޮޑިއުސްކޮއް ނިތޭޝް ޓިވާރީ ޑައިރެކްޓްކުރި ފިލްމެކެވެ.

"ޗިޗޯރީ" ގެ ޓްރެއިލާއިން ކޮލެޖްގައި އެކުގައި އުޅޭ ރަހުމަތްތެރިންތަކެއްގެ މެދުގައި ހިނގައިގެންދާ ކަންތައްތަކެއް ފެނެއެވެ.