"ނިކައްމާ" ގައި ޝިލްޕާގެ ފިރިމީހާގެ ރޯލަށް ސާމިރް

ބޮލީވުޑްގެ އެކްޓްރެސް ޝިލްޕާ ޝެޓީ، 13 އަހަރަށްފަހު ފިލްމެއްގެ ލީޑްރޯލުން ފެނިގެންދާ ފިލްމް "ނިކައްމާ" ގައި ޝިލްޕާގެ ފިރިމީހާގެ ރޯލަށް ސާމިރް ސޯނީ ހަމަޖައްސައިފިއެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސާމިރް ބުނީ އެކި ހަފުލާތަކުން ޝިލްޕާ އާއި ބައްދަލުވެފައިވާ ކަމަށާއި ޝިލްޕާއަކީ މިހާތަނަށް ބައްދަލުވި އެންމެ ހިތްހެޔޮ މީހާ ކަމަށެވެ. ސާމިރް ބުނި ގޮތުގައި އޭނާގެ އަނބިމީހާ، އަދި ކުރީގެ އެކްޓްރެސް ނީލަމް އާއި ޝިލްޕާއަކީ ދެ އެކުވެރިންނެވެ. އަދި ޝިލްޕާއާއެކު ރޯލެއް ކުޅެލުމަށް ބޭނުންވެފައިވާ ކަމަށާއި މިއީ މުހިންމު ރޯލެއް ކަމަށް ސާމިރް ބުންޏެވެ.

ސަބީރު ހާން ޑައިރެކްޓްކުރާ މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި އަބިމަންޔޫ ދައްސާނީ އާއި ޝިރްލޭ ސެޓިއާ ހިމެނެއެވެ. މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެދު ތެރޭގައެވެ.

މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ސާމިރް މިހާރުވެސް ދަނީ "މުމްބާއީ ސާގާ" ގައި ގޭންގްސްޓާރެއްގެ ރޯލު ކުޅެމުންނެވެ.

ފިލްމް ބާޒީގަރް އިން ބޮލީވުޑަށް ތައާރަފުވި ޝިލްޕާ ޝެޓީ އެންމެ ފަހުން ބޮލީވުޑް ފިލްމެއްގެ ލީޑްރޯލުން ފެނިގެން ގޮސްފައިވަނީ 2007 ވަނަ އަހަރުގެ ފިލްމް "އަޕްނޭ" އިންނެވެ. ނަމަވެސް 2008 ވަނަ އަހަރުގެ ފިލްމް "ދޯސްތާނާ" އިން ހާއްސަ ފެނިލުމަކުން ފެނިގެން ގޮސްފައިވާއިރު ޝިލްޕާ ޕްރޮޑިއުސްކޮށް 2014 ވަނަ އަހަރު ނެރުނު ފިލްމް "ދިޝްކިޔާއޫން" ގެ ހާއްސަ ފެނިލުމަކުންވެސް ޝިލްޕާ ފެނިގެން ގޮސްފައިވެއެވެ.