ކުރީތީ ކުލާރީ

"ދަ ގާރލް އޮން ދަ ޓްރެއިން" ގެ ރިމޭކަށް ކުރީތީ

ހޮލީވުޑްގެ މިސްޓްރީ ތުރިލާ ޑްރާމާ، "ދަ ގާރލް އޮން ދަ ޓްރެއިން" ގެ ހިންދީ ރިމޭކް ފިލްމަށް ބަތަލާ ކުރީތީ ކުލާރީ ހަމަޖައްސައިފިއެވެ.

ރިމޭކް ފިލްމްގައި ކުރީތީ ފެނިގެންދާނީ ފުލުހެއްގެ ރޯލުންނެވެ. އެ ރޯލާއި މެދު ކުރީތީ ހުރީ ވަރަށް ހިތްހަމަޖެހިފައި ކަމަށް ބޮލީވުޑްގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.

"ދަ ގާރލް އޮން ދަ ޓްރެއިން" ގެ ހިންދީ ރިމޭކް ފިލްމްގެ ކްރޫއާ ގުޅުމަށް، ކުރީތީ މިިމަހު ލަންޑަނަށް ދިއުމަށް ހަމަޖެހިފައިވާއިރު މި ފިލްމްގެ މަސައްކަތަށް މަސް ދުވަސް ހޭދަވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ބޮލީވުޑްގައި ކުރި އަރަމުން އަންނަ ބަތަލާ، ކުރީތީގެ ކުރިއަށް އޮތް ފިލްމަކީ މިމަހުގެ 15 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "މިޝަން މަންގަލް" ފިލްމެވެ.

ޕަރިނީތީ ޗޯޕްރާ އާއި އަދިތި ރާއޯވެސް ފެނިގެންދާ، "ދަ ގާރލް އޮން ދަ ޓްރެއިން" ގެ ހިންދީ ރިމޭކް ފިލްމް އަންނަ އަހަރު ރިލީޒްކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.