ޖެނިފާ ލޯރެންސް

ފިލްމެއްގެ ޝޫޓިންގައި އުޅެނިކޮށް އެކްޓްރެސް ޖެނިފާ އަނިޔާވެއްޖެ

ފިލްމެއްގެ ޝޫޓިންގައި އުޅެނިކޮށް އެކްޓްރެސް ޖެނިފާ ލޯރެންސަށް އަނިޔާވެއްޖެއެވެ.

އުމުރުން 30 އަހަރުގެ ޖެނިފާ ލޯރެންސަށް އަނިޔާވެފައިވަނީ ނެޓްފްލިކްސް ފިލްމް "ޑޯންޓް ލުކް އަޕް" ގެ ޝޫޓިންގައި އުޅެނިކޮށެވެ. ޖެނިފާ ލޯރެންސަށް އަނިޔާވެފައިވަނީ، ފިލްމްގެ ސްޓަންޓަކަށް ބިއްލޫރިގަނޑެއް ތަޅާލުމަށް ކުރިއަށް ގެންދިޔަ ކޮންޓްރޯލްޑް އެކްސްޕްލޯޝަނެއްގައި ބިއްލޫރިގަނޑު ތަޅައިގެން ދިއުމުގެ ތެރޭގައި ބުރައިގެންދިޔަ ފުޅިތޮށިކޮޅެއް އޭނާގެ އައި ލިޑްގައި ޖެހިގެންނެވެ.

ޖެނިފާއަށް އަނިޔާވުމާއެކު ފިލްމްގެ ޝޫޓިން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ. ރިޕޯޓްތައް ބުނާ ގޮތުން ޖެނިފާއަށް އެނބުރި ފިލްމްގެ ޝޫޓިންގައި ބައިވެރިވެވޭނެ ކަމަށް ލަފާކުރެވެނީ އަންނަ ހޯމަ ދުވަހުއެވެ.

ފިލްމް "ޑޯންޓް ލުކް އަޕް" ގައި ޖެނިފާ ލޯރެންސާއެކު ފެނިގެންދާނީ ލިއަނާޑޯ ޑިކެޕްރިއޯއެވެ. ޖެނިފާ އާއި ލިއަނާޑޯ މި ފިލްމްގައި ފެނިގެންދާނީ ދުނިޔެއާ ދިމާލަށް އަންނަ މީޓިރިއޯ ތަހުގީގު ކުރާ ސައިންސްވެރިންގެ ރޯލުންނެވެ.