ޒޯއީ

ކުރީގެ ކެޓްވުމަން ކާސްޓުން ޒޯއީއަށް މަރުހަބާ ކިޔައިފި

ފިލްމް "ދަ ބެޓްމޭން" ގައި ކެޓްވުމަންގެ ރޯލަށް ހަމަޖައްސާފައިވަނީ ޒޯއީ ކްރެވިޒްއެވެ. އެއާއެކު މީގެ ކުރިން ކެޓްވުމަންގެ ރޯލު ކުޅެފައިވާ ކާސްޓުން ވަނީ ޒޯއީއަށް މަރުހަބާ ކިޔާފައެވެ.

ޒޯއީ އަށް މަރުހަބާ ކިޔާފައިވަނީ 1992 ވަނަ އަހަރުގެ ފިލްމް "ބެޓްމޭން ރިޓާންސް" ގައި ކެޓްވުމަންގެ ރޯލު ކުޅުނު އެކްޓްރެސް މިޝޭލް ފައިފާ އާއި 2004 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ކެޓްވުމަން" ގައި ކެޓްވުމަންގެ ރޯލު ކުޅުނު ހެލީ ބެރީއެވެ.

އޭގެ އިތުރުން 2012 ވަނަ އަހަރުގެ ފިލްމް "ދަ ޑާކް ނައިޓް ރައިޒް" ގައި ކެޓްވުމަންގެ ރޯލު ކުޅުނު އޭން ހެތަވޭވެސް ވަނީ ޒޯއީއަށް މަރުހަބާ ކިޔާފައެވެ.

ހެލީ ބެރީ ކުރި ޓްވީޓެއްގައި ވަނީ ކެޓްވުމަންގެ އާއިލާއަށް ޒޯއީ ގުޅުމުން މަރުހަބާ ކިޔާފައެވެ. އަދި ކުރިއަށް ދިއުމަށް އެދިފައެވެ. ކެޓްވުމަންގެ ރޯލަށް ޒޯއީ ހަމަޖެއްސުމުން އެކަމާ ވަރަށް އުފާވާކަމަށް މިޝޭލް ވަނީ ބުނެފައެވެ.

ޒުވާން އެކްޓަރު ރޮބަން ޕެޓިންސަން ބެޓްމޭންގެ ރޯލު ކުޅޭ "ދަ ބެޓްމޭން" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ޖޫން މަހުއެވެ. މި ފިލްމް ޑައިރެކްޓްކުރާނީ މެޓް ރީވްސްއެވެ.